ޚަބަރު

މިދިޔަ 3 އަހަރާއި އަޅާބަލާއިރު، ކްރިމިނަލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތައް އިތުރު


  • މިދިޔަ އަހަރު ކޯޓަށް ހުށަހަޅާފައިވަނީ 854، 497 މައްސަލަ ނިމިފައިވޭ

  • ނިންމުނު މައްސަލަތައް މަދުވީ ކޯޓަށް ޖާގައިގެ ދަތިތައް ހުރުމުން

  • ދަތިތަށް ހައްލުކުރުމަށް ދާޚިލީ ވުޒާރާއާއެކު ވަނީ މަޝްވަރާކޮށްފައި

މިދިޔަ 3 އަހަރާއި އަޅާބަލާއިރު، 2023 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުކަމަށް، ތަފާސްހިސާބުތަކުން ދައްކާއިފިއެވެ.

ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރާއި އަޅާބަލާއިރު 2023 ވަނަ އަހަރު އެ ކޯޓަށް 68 މައްސަލަ އިތުރަށް ހުށަހަޅާފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރު 786 މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، 2023 ވަނަ އަހަރު ހުށަހަޅާފައިވަނީ 854 މައްސަލައެވެ. އަދި 2021 ވަނަ އަހަރު 773 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނު މައްސަލަތަކުގެ އަދަދާއި، ނިންމުނު މައްސަލަތަކުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން، 2023 ވަނަ އަހަރު 7242 މައްސަލަ ތާވަލުކޮށްފައިވާއިރު، 2022 ވަނަ އަހަރު 12،757 މައްސަލަ އަދި 2021 ވަނަ އަހަރު 9،973 މައްސަލަ ތާވަލުކޮށްފައިވެއެވެ.

2023 ވަނަ އަހަރު 497 މައްސަލައެއް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، 2022 ވަނަ އަހަރު 1096 މައްސަލައެއް އަދި 2021 ވަނަ އަހަރު 701 މައްސަލަ ނިންމާފައިވެއެވެ. ކްރިމިނަލް ކޯޓުން ވިދާޅުވީ، ތާވަލުކޮށްފައިވާ މައްސަލާއިގެ އަދަދާއި، ނިންމުނު މައްސަލަތަކުގެ އަދަދު މަދުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޯޓުގެ އެއްބައި ބޭނުންނުކުރުމަށް އެންގުމާއި ގުޅިގެން، މަސައްކަތްތަކަށް ބުރުއެރުމުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މަސައްކަތްތައް މީގެ ކުރިން ދެ ޢިމާރާތެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ 4 ބުރިއަށް ހަދާފައި ހުންނަ ޢިމާރާތަކާއި، 1 ފަންގިފިލާއަށް ހަދާފައި ހުންނަ ޢިމާރާތެކެވެ.

ކްރިމިނަލް ކޯޓުގެ އެއްބައި ބޭނުން ނުކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން އެ ކޯޓަށް އެންގެވީ، ކޯޓު ހިންގަމުން އަންނަ 4 ބުރީގެ ޢިމާރަތް ވަރަށް ބޮޑަށް ބައުވެ، އެ ޢިމާރާތް ހަލާކުވެފައިވާތީކަމަށް އޭރު ޖޭއެސްސީން ވަނީ ވިދާޅުވެފައިއެވެ.

ކްރިމިނަލް ކޯޓުގެ މަސައްކަތްތައް މިވަގުތު ކުރަމުން ދަނީ 1 ފަންގިފިލާއަށް ހުންނަ ޢިމާރާތުގައެވެ. ކޯޓަށް ދިމާވެފައިވާ މި މައްސަލައަށް ހައްލެއް ހޯއްދުމަށް، ދާޚިލީ ވުޒާރާއިން ވަނީ މިމަހު އެ ކޯޓާއެކު މަޝްވަރާކޮށްފައެވެ. އެގޮތުން މި މަޝްވަރާތަކުގައި ކޯޓުގެ މަސައްކަތްތައް އަވަސްކުރުމާއި، އަވަހަށް މައްސަލަތައް ނިންމުމާއި، އިދާރީގޮތުން ހުރި ދަތިތައް ހުއްލުކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއެވެ.