ޚަބަރު

ފަތުރުވެރިކަމުގެ މިއަހަރުގެ ޢަމާޒު ޙާސިލުވުމާ ގާތަށް


  • މިއަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން

  • އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުން

  • މިދިޔަ އަހަރު އައީ 1.6 މިލިއަން ފަތުރުވެރިން

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ޢަމާޒުހިފާފައިވާ ޢަދަދު ހާސިލްވާނެކަމުގެ އުންމީދު ބޮޑުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،742،043 (އެއް މިލިއަން ހަތްލައްކަ ސާޅީސްދެހާސް ސާޅީސް ތިން) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެހެންކަމުން މިއަހަރުގެ އަމާޒު ހާސިލްކުރަން ދެން ބާކީ ބޭނުންވަނީ 57،957 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5216 ފަތުރުވެރިން އާދެއެވެ. މި ޢަދަދަށް ރާއްޖެއަށް ފަތުރުވެރިން އަންނަމަ މި ޓާގެޓްއަށްވުރެ އިތުރަށްވެސް ރާއްޖެއަށް ފަތުރުވެރިން އަންނާނެއެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

* ރަޝިއާ – 196،643 ފަތުރުވެރިން
* އިންޑިއާ – 191،985 ފަތުރުވެރިން
* ޗައިނާ – 179،675 ފަތުރުވެރިން
* އިނގިރޭސިވިލާތް – 143،029 ފަތުރުވެރިން
* ޖަރުމަނުވިލާތް – 126،911 ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރުވެސް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖޭގައި މިވަގުތު 1257 ތަނެއް ވަނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހުޅުވާފައެވެ. އަދި ބެޑް ކެޕޭސިޓީއަކީ 62،778 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.