ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީން ރޭޑު ޖަހައި ޢާންމުންނަށް އަނިޔާކުރަނީ


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޚިރްބަތު އަލް ޠޫބާގައި ޔަހޫދީ ވަޒަންވެރިން ދިން ހަމަލާތަކެއްގައި ފަލަސްޠީނުގެ އެތައް ގެއެއްގައި ހުޅުޖަހައި 6 މީހަކު ޒަޚަމްކޮށްލާފައިވާއިރު، ޔަހޫދީ ބާރުތަކުން އެކި ސަރަޙައްދުތަކަށް ވަދެގަނެ، އާންމުންގެ ގެތައް ފޭރިގަނެއް އަސްކަރީ އައުޓްޕޯސްޓް ތަކަކަށް ބަދަލުކޮށް، ފަލަސްޠީނުގެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފިއެވެ.

ބުދަ ދުވަހު ދިން މި ހަމަލާއާ ގުޅިގެން ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމިއްޔާއިން ބުނީ، އަނިޔާވި 6 މީހުންނަށް އެ ޖަމްޢިއްޔާއިން ފަރުވާދީފައިވާ ކަމަށާއި، އޭގެ ތެރޭގައި އަނިޔާވެގެން ހޮސްޕިޓަލަށް ބަދަލުކުރެވުނު 3 އަންހެނުންވެސް ހިމެނޭ ކަމަށެވެ.

ފަލަސްޠީނުގެ މީޑިއާ ވަފާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނިރުބަވެރި ޔަހޫދީ ވަޒަންވެރިން އެތައް ގެއެއްގައި ރޯކޮށްލުމުގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނަށް ދުމުގެ އަސަރުކޮށްގެން ވަނީ ފަރުވާދޭންޖެހިފައެވެ.

ބައިތު ލާމް ދެކުނުން ބައިތު ފަޖާރާއި، ރަމާﷲގެ އިރުމަތިން ކަފްރު މާލިކް އަދި ދައިރު ޖަރީރު ހިމެނޭހެން އެކި ސަރަޙައްދުތަކަށް ޔަހޫދީ ބާރުތަކުން ވަނީ ވަދެގަނެފައެވެ.

އަލް ބީރާ ސިޓީގައި، ޔަހޫދީ ސިފައިން ވަނީ 3 ގެއަކުން އާންމުން ނެރެ، އެ ތަންތަން އަސްކަރީ އައުޓްޕޯސްތަކަށް ބަދަލުކޮށްފައެވެ. އަދި ކައިރީގައިވާ އުންމު އަލް ޝަރާޔިތު އަވަށަށް ސިފައިން ފެތުރިގަނެ، މައި މަގުތައް ބަންދުކޮށް، ފަލަސްޠީނު ރައްޔިތުންގެ ދަތުރުފަތުރުކުރުމަށް ވަނީ ހުރަސްއަޅާފައެވެ.

އެހެން ސަރަޙައްދަކަށް ބަލާއިރު، އަލް މުޣައްޔިރު އަވަށުގެ ހުޅަނގުން އަލް ލޫޒް ސަރަޙައްދަށް ޔަހޫދީ ވަޒަންވެރިން އެމީހުންގެ ގެރިބަކަރިތަކާއެކު ވަދެ، ފަލަސްޠީނުގެ ބިންތަކަށާއި މިލްކިއްޔާތުތަކަށް ވަނީ އެތަކެއް ހަމަލާތަކެއް ދީފައެވެ.

މީގެއިތުރުން، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގެ އުތުރުން ކަފްރު އަޤަބް އަދި ޤަލަންދިޔާ ރެފިއުޖީ ކޭމްޕުގައި ޔަހޫދީ ބާރުތަކުން ކުރިއަށްގެންދާ ބޮޑު އަސްކަރީ ހަރަކާތްތައް ވަނީ ކުރިއަށްގޮސްފައެވެ. ޤަލަންދިޔާ މީޑިއާ ސެންޓަރުން ބުނެފައިވާ ގޮތުގައި، ސިފައިން ވަނީ އެތައް ގެއަކަށް ވަދެގަނެ، އަންހެނުން ހިމެނޭހެން ފަލަސްޠީނުގެ 15 މީހަކު ހައްޔަރުކޮށްފައެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުދަ ދުވަހުގެ ހެނދުނު ބުނީ، މި އަނިޔާވެރިކަމުގެ ތެރޭގައި ޔަހޫދީ ބާރުތަކުން އަނިޔާކުރި ފަލަސްޠީނުގެ 8 މީހަކަށް ވަނީ ފަރުވާދީފައި ކަމަށެވެ. އަދި ޒަޚަމްވި މީހުންނާއި ބަލިމީހުންގެ އަރިހަށް ވާސިލުވުމަށް ޔަހޫދީ ސިފައިން ހުރަސްއެޅުމުން، ކޭމްޕް ތެރެއިން 5 ބަލިމީހަކު ނެރެގެން ގެންގޮސްފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާއާ ދެކޮޅަށް ޔަހޫދީން ފެށި ގަތުކުޢާންމަށްފަހު އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އަސްކަރިއްޔާއާއި ޣައިރުޤާނޫނީ ވަޒަންވެރިން ދޭ ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ފަލަސްޠީނުގެ ރަސްމީ އިދާރާތަކުގެ އަދަދުތަކުން ދައްކާގޮތުގައި، މި ހަމަލާތަކުގައި ފަލަސްޠީނުގެ 1,182 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި ގާތްގަނޑަކަށް 24000މީހުން ވަނީ ހައްޔަރުކޮށްފައެވެ.