ޚަބަރު

މާޒިޔާ ގޮވައިގެން ނިއުރޭޑިއަންޓް ފައިނަލަށް


  • މި މެޗު ނިއުއިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުން

  • އިތުރު މެޗެއް އޮއްވައި ނިއުއާ މާޒިޔާ އަށް ވަނީ ފައިނަލުގެ ޖާގަ ކަށަވަރުވެފައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކަޕް ވިނާސް ކަޕްގެ ފައިނަލުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފިއެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2008 ވަނަ އަހަރުގައެވެ. އެ ފަހަރުގެ ޗެމްޕިއަން ޓީމަކީ ވެސް ނިއުރޭޑިއަންޓްއެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއުރޭޑިއަންޓް، އޮޑި ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ފައިނަލުން ނިއުރޭޑިއަންޓް ޖާގަ ހޯދީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިގެންނެވެ. މުބާރާތުގައި ނިއުއިން ކުޅުނު ފުރަތަމަ މެޗުގައި ބުރުގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ކުރިހޯދިއިރު، އޮޑީގެ މައްޗަށް ކުރިހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓްގައި ނިއުރޭޑިއަންޓުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ އެވެ.

މެޗުގެ 19 ވަނަ މިނިޓްގައި ނިއުގެ ޑޮރިއެލްޓަން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މިއީ އަލްބާޓް ކައީ ސްވެން ނަގައިދިން ހުރަހަކުން ޑޮރިއެލްޓަން ޖަހައިދިން ގޯލެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުގެ ތިންވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ އީތާން އިބްރާހީމް ޒަކީއެވެ. މިއީ މި ސީޒަނުގައި ނިއުއާ ގުޅުނު ފަހުން އީތާން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މި ގޯލު އީތާން ޖެހީ އޮޑީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގެ 51 ވަނަ މިނިޓްގައި ނިއުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީ ޑޮރިއެލްޓަން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ މި ފަހަރުގެ ކަޕް ވިނާސް ކަޕުގައި ޑޮރިއެލްޓަން ކާމިޔާބުކުރި ހަވަނަ ގޯލެވެ. ނިއުއިން ބުރާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޑޮރިއެލްޓަން ވަނީ ހެޓްރިކް ހަދައިފައެވެ.

ނިއުގެ ފަސްވަނަ ލަނޑު ލިބުނު ކޯނަރެއްގެ ބޭނުން ހިފައި އެ ޓީމަށް ޖަހައިދިނީ އަމްދާން އަލީއެވެ.

މެޗުގެ 87 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އޮޑިއަށް ފަރަގު ކުޑަކޮށްދިނީ އިބްރާހީމް ވަހީދު ހަސަން އެވެ. އަދި އޭގެ ތިން މިނިޓް ފަހުން އޮޑީގެ މުޒްދާން ވަނީ ނިއުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އިތުރު ގޯލެއް ޖަހައިދީފައެވެ.

މެޗުގެ އިތުރު ވަގުތުގައި އޮޑީގެ ތިންވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޝަޚާއު އެވެ.

މި ނަތީޖާއާއެކު ނިއުއަށާއި، މާޒިޔާ އަށް ވަނީ އިތުރު އެއް މެޗު އޮއްވައި ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ.

މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ވެސް ކުޅޭނީ ނިއުއާ މާޒިޔާއެވެ.