މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން ބާއްވާ ފިލްމް އެވޯޑް ޙަފްލާގެ ކަންކަން އިންތިޒާމުކުރަށް ޕަބްލިކް ސާރވިސް މީޑިޔާއާއި ފިލްމު އެސޯސިއޭޝަނުން އެއްބަސްވުމެއް ސޮއިކޮށްފިއެވެ.
މިއަދު މެންދުރު ޓެލެވިޜަން މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ފިލްމް އެވޯޑް ޙަފްލާގެ ކަންކަން ކުރުމަށް އެކުލަވާލާފައިވާ އެމްއެމްއޯޔޫގައި ޕަބްލިކް ސަރވިސް މީޑިޔާގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔާން ޝާހިދެވެ. އަދި ފިލްމް އެސޯސިއޭޝަންގެ ފަރާތުން ޗެއަރޕާރސަން މުޙައްމަދު ޢަބްދުﷲއެވެ.
މި އެއްބަސްވުމުގެ ދަށުން ފިލްމް އެވޯޑް ޙަފްލާގެ އިންތިޒާމުތައް ޕީއެސްއެމުން މޯލްޑިވްސް ފިލްމް އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވޭނެކަމަށް އެ ދެފަރާތުން ހާމަކުރެއެވެ. އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ޕަބްލިކް ސާރވިސް މީޑިޔާގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔާން ޝާހިދު ވިދާޅުވީ، މިފަދަ ދާއިރާތަށް ތަރައްޤީކުރުމަށް ވެދެވެން އޮތް އެހީތެރިކަމެއް ޕީއެސްއެމުން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ.
ފިލްމް އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަވަމުން އެ އެސޯސިއޭޝަންގެ ޗެއަރޕާރސަން މުޙައްމަދު ޢަބްދުﷲ ވިދާޅުވީ، ދައުލަތުގެ މީޑިޔާއިން މިފަދަ އިސްނެގުމެއް އައުމުން ފިލްމީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށް ހިއްވަރުލިބިގެން ގޮސްފައިވާކަމަށެވެ. އަދި ޕީއެސްއެމް އާއެކު މުނިފޫހިފިލުވުމުގެ ދާއިރާ އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާނެކަމަވެސް މުޙައްމަދު ޢަބްދުﷲ ވިދާޅުވިއެވެ.
ފިލްމް އެސޯސިއޭޝަނުން މީގެ ކުރިން ފިލްމް އެވޯޑް ހަފްލާތައް ބާއްވަމުން އައީ ހައިރައިސްއާ ގުޅިގެންނެވެ. ފިލްމް ފެއަރ އެވޯޑް ޙަފްލާއަކީ މުނިފޫހި ފިލުވުމުގެ ދާއިރާގައި ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ކާމިޔާބު ހޯދާ ފަރާތްތަކަށް އެވޯޑް ދިނުމަށް ބާއްވާ ޙަފްލާއެކެވެ.