ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް މާދަމާގެ އެޖެންޑާއަށް


  • ބަޖެޓު ބަހުސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އެއްދުވަހަށް

  • 2 ދުވަހު މުއްދަތަކަށް ބަޖެޓު ކޮމިޓީގައި ދިރާސާކުރާނެ

  • އެއަށްފަހު ބަޖެޓު ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ޚަރަދުތައް ހަމަޖެއްސުމަށް، މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް އަވަހަށް ނިންމުމަށް، ބަޖެޓުގެ ބަހުސް މަރުހަލާ މާދަމާއަށް އެޖެންޑާކުރުމަށް ނިންމައިފިއެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ޚަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށައަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރުއެވެ.

ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ. އިތުރުކުރެވޭ ޚަރަދާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅާފައިވަނީ ޕީއެސްއައިޕީއާއި އާސަންދައާއި ސަބްސިޑީތަކަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންއަށްކަމަށެވެ.

ސަޕްލިމަންޓަރީ ބަޖެޓުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، ބަޖެޓުގެ ބަހުސް އެއްދުވަހަށް ކުރިއަށްގެންދިޔުމަށްފަހު، 2 ދުވަހު މުއްދަތަކަށް ބަޖެޓު ކޮމިޓީގައި ދިރާސާކޮށް، ބަޖެޓު ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވަނީ ހުށަހަޅާފައެވެ. އަދި މަޖިލީހުގައި ހާޒިރުވެތިއްބެވި 38 މެމްބަރުންގެ އަޤްލަބިއްޔަތުންވަނީ މިހުށައެޅުން ފާސްކޮށްފައެވެ.

އެހުށަހެޅުން ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް އެޖެންޑާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.