މޫސުމީ ގޮތުން ރާއްޖެއަށް ހިޖުރާ ކުރާ ދޫނި ޤަވާޢިދާއި ޚިލާފަށް ހިފާ ގެންގުޅޭ ފަރާތްތައް ރިޕޯޓު ކުރުމަށް އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން އަންގަވައިފިއެވެ.
އީ.ޕީ.އޭއިން ވިދާޅުވީ، އިރުވައި މޫސުމާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުން އެކި ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރާ ކަމަށެވެ. އަދި މިފަދައިން ހިޖުރާ ކުރާ ދޫނި ސޫފާސުއިއްޕަކީ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ޤަވާޢިދުގެ" ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެއްކަމަށެވެ.
މި ޤަވާޢިދުގެ ދަށުން އެފަދަ ދޫނިތައް ހިފާ ގެންގުޅުމަކީ މަނާ ކަމެއްކަމަށް އެ އެޖެންސީން ވިދާޅުވެއެވެ. ރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާއި ގުޅިގެން ރާއްޖެއަށް ހިޖުރާ ކުރާ ދޫނިތަކެވެ. އެހެންކަމުން، މިތަކެތި ރައްކާކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ޤުދުރަތީ ވެށީގެ މުއްސަދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް އީޕީއޭއިން ވިދާޅުވެއެވެ.
އީ.ޕީ.އޭއިން ވިދާޅުވީ، މިގޮތަށް ރާއްޖެއަށް ހިޖުރަ ކުރާ ދޫނި، ވިޔަފާރި ކުރުމާއި، މުނިފޫހިފިލުވުމަށް ހިފާ ގެންގުޅޭކަން އެ އެޖެންސީއަށް ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން މިގޮތަށް ޢަމަލު ކުރާ ފަރާތްތައް ހޯދުމަށް އެއްބާރުލުން ދިނުމަށް، އީ.ޕީ.އޭއިން ވަނީ ގޮވާލައްވާފައެވެ. އަދި މިހާރުވެސް ޢާންމުންގެ ފަރާތުން މިފަދަ ކަންކަމުގައި އެއްބާރުލުން ލިބޭކަން ވަނީ ފާހަގަކުރައްވާފައެވެ.
ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ޤަވާޢިދަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދެކެވެ.
މި ޤަވާޢިދުގެ ދަށުން، މިފަދައިން ރާއްޖެއަށް ހިޖުރާ ކުރާ މޫސުމީ ދޫނި ޤަވާޢިދާއި ޚިލާފަށް ހިފާ ގެންގުޅޭ ފަރާތްތައް އީ.ޕީ.އޭއަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ ދިރޭތަކެއްޗަކަށް ގޯނާ ކޮށްފިނަމަ، 30،000 ރުފިޔާއާއި 50،000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް މި ޤަވާޢިދުގައި ބުނެފައިވެއެވެ.