މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް އޭގެ ވެއްޓަށް ދޫކޮށްލާފައިވާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ވިދާޅުވެއްޖެއެވެ.
އީޕީއޭއިން ވިދާޅުވީ، މިފަހްތާގެ ކުރީ ކޮޅު މާލޭގެ މަގުމަތިން ކަންޒުކަހަނބެއް ފެނިގެން އެ އެޖެންސީއަށް އަންގާފައިވާކަމަށެވެ. އަދި ރާއްޖޭގައި ކަންޒުކަހަނބުގެ އާބާދީ އެންމެ ބޮޑު އެއް ސަރަޙައްދުކަމުގައިވާ ކ.ކާށިދޫ ޗަސް ބިމަށް މިހާރު އެ ކަހަނބު ގެންގޮސްފައިވާކަމަށް އީޕީއޭއިން ވިދާޅުވިއެވެ. މަގުމަތިން ނަގާފައިވަނީ އިންޑިއަން ބްލެކް ޓަރޓްލްގެ ނަންދެވިފައިވާ ކަޅު ކަންޒުކަހަނބެކެވެ.
އީޕީއޭއިންވަނީ ކަންޒުކަހަނބު ސަލާމަތްކޮށް ވަގުތީގޮތުން އެ ބެލެހެއްޓި ޢާއިލާއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކަންޒުކަހަނބު ކާށިދޫއަށް ގެންގޮސްދިން ވެލާ އެކްސްޕްރެސް ސްޕީޑްބޯޓާއި، ކާށިދޫ ކައުންސިލުން ދެއްވި އެއްބާރުލުން އެއޭޖެންސީން ފާހަގަކުރައްވައެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ކަންޒުކަހަނބުގެ އާބާދީ ރައްކާތެރިކުރުމަށް އެކައުންސިލުން ކުރެއްވި މަސައްކަތްވެސް އީޕީއޭއިންވަނީ ފާހަގަކުރައްވާފައެވެ.
Earlier this week, a kanzu kahanbu was rescued by a Good Samaritan from a street in Malé & reported to EPA. The turtle was then arranged to be transported to K. Kaashidhoo wetland area for release, where we have the largest population of black turtles in the country. (1/3) pic.twitter.com/UX97Lvc8Ny
— EPA Maldives (@EPAMaldives) November 7, 2023
ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އިންޑިއަން ބްލެކް ޓަރޓްލްއަކީ 2003 ވަނަ އަހަރުން ފެށިގެން ޙިމާޔަތްކޮށްފައިވާ އެއްޗެކެވެ. އެހެންކަމުން އީޕީއޭއިންވަނީ މިބާވަތުގެ ކަންޒުކަހަނބު އޮޅުކޮށްގެން ގޭގައި ގެންގުޅޭ ފަރާތްތަކުން އެތަކެތި އީޕީއޭއާއި ޙަވާލުކުރުމަށް އަންގަވާފައެވެ. އަދި މިފަދަ ކަހަނބު ގެންގުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާނަމަ އެކަން އީޕީއޭއާއި ހިއްސާކުރުމަށްވެސްވަނީ އެދިވަޑައިގަންނަވާފައެވެ.
ކ.ކާށިދޫއަކީ ރާއްޖޭގައި ބްލެކް ޓަރޓަލް ފެންނަ 3 ސަރަޙައްދުގެ ތެރެއިން އެންމެ ގިނައިން މިބާވަތް ފެންނަ ރަށެވެ. މިސަރަޙައްދުގައި ކަންޒުކަހަނބުގެ މައިގަނޑު ކާނާގެ ގޮތުގައި ހިމެނޭ ކުއްޅަވައް އަދި ކަށިކެޔޮ ގިނަ ޢަދަދަކަށް ހުރުމަކީ ދުޅަހެޔޮ ކަންޒުކަހަނބުގެ އާބާދީއެއް ކާށިދޫގައި އޮންނަ ސަބަބެކެވެ.
ކާށިދޫ ފާހަގަވަނީ ކަންޒުކަހަނބުގެ އާބާދީ އިތުރުކުރުމަށް މަގުފަހިވާނެ ފަދަ ވެއްޓެއް އޮތް ރަށެއްގެ ގޮތުގައެވެ. އެހެންކަމުން ސަރުކާރުންވަނީ އެސަރަޙައްދު ޙިމާޔަތްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެސަރަޙައްދުން އެއްވެސް ބާވަތެއްގެ ފަސްނެގުމަކީ މަނާކަމެކެވެ. އެސަރަޙައްދުގައި ގަސްކެނޑުން މަނާކޮށްފައިވާއިރު ޚާއްސަ ހުއްދައެއް އޮވެގެން ނޫނީ ގަސްއިންދާ ހެދުމަކީވެސް މަނާކަމެކެވެ. އަދި އެއްވެސް އިތުރު ބާވަތެއްގެ ދިރޭ އެއްޗެއް އެސަރަޙައްދަށް ތަޢާރަފްކުރުމަކީވެސް މަނާކަމެކެވެ.