ޚަބަރު

އޭޖީގެ ލަފަޔާއެކު ބަޖެޓު ހުށައަޅަން ވަޑައިނުގަތުމަށް ފިނޭންސް މިނިސްޓަރު ނިންމަވައިފި


  • މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ ބަޖެޓު ހުށައެޅުމަށް

  • ޤާނޫނު ބުނާގޮތުން ބަޖެޓު ހުށައަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ މިއަދު

  • އޭޖީ ލަފާދެއްވީ މިނިސްޓަރ މަޖިލީހަށް ވަޑައިނުގަތުމަށް

  • އެއީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތުމުން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަޑައިނުގެންނެވުމަށް ނިންމަވައިފިއެވެ.

މާލިއްޔަތު ޤާނޫނޫނާއި މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރަނީ ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު، ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށެވެ. އަދި ބަޖެޓު ހުށައަޅަންވާނީވެސް ފިނޭންސް މިނިސްޓަރުކަމަށެވެ. މަޖިލީހުގެ ޤަވާއިދުގައި ވާގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަވައި މެންބަރުން ބޮޑު ޗުއްޓީއަށް ވަޑައިގަންނަވާނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދުގެ ޖަލްސާއަށް ހުށައެޅުމަށް އެޖެންޑާކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފައިވަނިކޮށެވެ. މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރަނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށައެޅިގައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރ ވަނީ ބަޖެޓު މަޖިލީހަށް ހުށައެޅުމާއި ގުޅޭގޮތުން ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވާފައެވެ. އަދި ނިންމެވީ މަޖިލީހަށް ބަޖެޓު ހުށައެޅުމަށް ވަޑައި ނުގަތުމަށެވެ. އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަ ނާއިބު ގާނޫނީ ލަފާ ދެއްވާފައިތީއެވެ.


މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ދެ ދުވަހުގެ ޖަލްސާއަށްވެސް އެ މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ވަނީ އެ ދެދުވަހުގެ ޖަލްސާވެސް ކެންސަލް ކުރައްވާފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ. މަޖިލީހުގެ ޤަވާއިދު އެގޮތަށް ބަޔާންކުރާތީ، ޖަލްސާ ކުރިއަށްގެންދެވޭނީ މަޖިލީހުގެ ނާއިބު ރައީސަށްކަމަށް މަޖިލީހުގެ އަމީން ޢާންމު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެކަމާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންގެ ޚިޔާލު ތަފާތެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާތީއާއި، އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައި ބަޔާންކުރާތީ މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް އެމްޑީޕީ ޕީޖީން ވިދާޅުވެއެވެ.

ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދަވަން އަމީން ޢާންމު ނިންމެވި ނިންމެވުމާއި ގުޅިގެން، އެމްޑީޕީން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ބަލައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އިތުރުން ސަޕްލިމަންޓްރީ ބަޖެޓު ހުށައެޅުމަށްވެސް އެޖެންޑާކޮށްފައިވެއެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނޮވެމްބަރު 1ގައި ކުރިއަށް ގެންދިއުމަށް ވަނީ ފަސްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން، ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ.