ޚަބަރު

ބްރިޖްގައި ޤަވާއިދާއި ޚިލާފަށް ދުއްވާ ފަރާތްތަކަށް ފުލުހުންގެ ނަސޭހަތުގެ މެސެޖެއް


  • ޤަވާއިދާއި ޚިލާފުވުމުން މެސެޖް ދާނީ ސައިކަލުގެ ވެރިފަރާތައް

  • ދުއްވި ގަޑިއާއި ތާރީޚު މިމެސެޖުން އެނގެން އޮވޭ

  • ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބްރިޖްގެ ޓްރެފިކް ލައިޓްތަކަށްވެސް ވަނީ ބަދަލުގެނެސްފައި

ސިނަމާލެ ބްރިޖްގައި ދުއްވުމަށް ކަނޑައަޅާފައި އޮންނަ ސްޕީޑަށްވުރެ ބާރަށް ދުއްވާ ފަރާތްތަކަށާއި، ދުއްވަމުން ޤަވާއިދާ ޚިލާފަށް ލޭން ބަދަލު ކުރާފަރާތްތަކަށް ފުލުހުން ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމަވައިފިއެވެ.

މިމެސެޖްގައި ބްރިޖްގައި ކަނޑައަޅާފައި އޮންނަ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށާއި، ޤަވާއިދާޚިލަށް ލޭން ބަދަލު ނުކުރުމަށްއެދިފައިވާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ފުލުހުންގެ ނަސޭހަތުގެ މިމެސެޖު ދާނީ ސައިކަލު ނުވަތަ އެއުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ މޯބައިލް ނަމްބަރަށެވެ.

އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ފޯނަށް ފޮނުވާ މެސެޖުގައި ދުއްވި ތާރީޚާއި ގަޑި އެނގޭނެހެން ޤަވާއިދާ ޚިލާފުވެފައިވާކަން ބަޔާންކޮށްފައިވާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޤަވާއިދާއި ޚިލާފުވާކަން ދެނެގަންނާނީ ބްރިޖު ސަރަހައްދުގައި ހަރުކޮށްފައިވާ ސްޕީޑް ކެމެރާތައް ބޭނުންކޮށްގެން ކަމަށެވެ. އެސަރަހައްދުގައި މިހާރުވެސް ފުލުހުން ޓްރެފިކް ބެލެހެއްޓުމުގައި އަބަދުވެސް ހަރަކާތްތެރިވަމުންދެއެވެ. އަދި ބާރަށް ދުއްވާ ފަރާތްތައް ހުއްޓުވައި ކަނޑައަޅާފައި އޮންނަ މިންގަނޑަށް ދުއްވުމަށް ފުލުހުން ނަސޭހަތްތެރިވަމުންއާދެއެވެ.

މިކަން މިގޮތަށް ކުރަން ޖެހުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ބްރިޖުން ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ބޭނުމުގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިއަހަރުއެކަނިވެސް ބްރިޖުގައި ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް ހިނގާ އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.