ދިރާގުގެ 35ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ޚާއްޞަ އޮފަރތަކެއް އިޢުލާންކޮށްފިއެވެ.
މި އޮފަރތައް އިއުލާންކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ އަލީ ރިޔާޒް ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ޤައުމު ކުރިއެރުވުމުގައި ދިރާގުން ކުރަމުންދާ މަސައްކަތުގައި ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ޙިއްޞާދާރުންގެ ދައުރު ބޮޑުކަމަށެވެ. އަދި އެ ފަރާތްތަކުގެ އެއްބާރުލުމާއި ނުލާ އެ ކާމިޔާބީ ހާސިލް ނުކުރެވޭނެކަން ފާހަގަކޮށް، އަލީ ރިޔާޒު ވަނީ ކަސްޓަމަރުން ދިރާގަށް ކުރަމުން އަންނަ އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ.
"ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނާއި ޕާޓްނަރުން އަދި ޙިއްޞާދާރުން އަޅުގަނޑުމެންނާ އެއްކޮށް ތިއްބަވާ އެބޭފުޅުންގެ ޑިޖިޓަލް ދަތުރުގައި އަޅުގަނޑުމެން ޚިޔާރުކުރެއްވިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް ޤައުމު ކުރިއެރުވުމުގައި އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތަކީ އެބޭފުޅުންގެ އެއްބާރުލުމާނުލާ ހާސިލް ނުކުރެވޭނެ ކަމެއްކަން ޔަޤީން،" އަލީ ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޑިޖިޓަލް މުސްތަގްބަލުގައި ކަސްޓަމަރުން ކުރި އެރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދޭނެކަމަށާއި ކަސްޓަމަރުންނަށް މެދުނުކެނޑި، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށްވެސް އަލީ ވިދާޅުވިއެވެ.
ޑިޖިޓަލް މުޖުތަމަޢެއް ބާރުވެރިކުރުވުމުގައި ދިރާގުން ކުރަމުން އަންނަ މަސައްކަތައް އަލިއަޅުއްވާލަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، ދިރާގަކީ ޒިންމާދާރު ކޯޕަރޭޓް ގަވަނަންސްގެ ތެރެއިން ހަރަކާތްތެރިވާ ކުންފުންޏެއްކަމަށެވެ. އެގޮތުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ތިމާވެއްޓަށް އަޅާލުމާއި ކުންފުނީގެ މުވައްޒަފުން ބިނާކުރުމާއި ދިވެހި ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ދިރާގުން ކުރަމުންގެންދާކަން އޭނާ ފާހަގަކުރިއެވެ.
"ރާއްޖޭގައި އެންމެ ފުރަތަމަ ސަސްޓެއިނަބިލިޓީ ފަންކްޝަނެއް ގާއިމުކުރި އެއް ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ޚިދުމަތް ދޭ ކުންފުންޏެއްގެ އިތުރުން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައިވެސް ކުރިއެރުން." މިރްޝާން ވިދާޅުވިއެވެ.
ދިރާގުގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި މުޅިން އައު ތިން އޮފަރއެއް ލޯންޗުކޮށްފައެވެ.
އެ އޮފަރތަކަކީ،
•ރީލޯޑް ބޮނަންޒާ: ދިރާގު އެޕް މެދުވެރިކޮށް 50 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގެ ރީލޯޑް ކުރާ ކަސްޓަމަރުންނަށް 35 ޖީބީއާ ހަމައަށް ހިލޭ މޯބައިލް ޑޭޓާ ލިބޭނެއެވެ. 24 ގަޑިއިރަށް ލިބޭ މި ހިލޭ ޑޭޓާ ކަސްޓަމަރުންނަށް ދިރާގު އެޕް https://bit.ly/Dhiraagu-App)) މެދުވެރިކޮށް ހޯދޭނެއެވެ.
•ހިލޭ ރައުޓަރ އަޕްގްރޭޑް: ހުރިހާ ކަސްޓަމަރުންނަށްވެސް ރަނގަޅު ހޯމް އިންޓަނެޓް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ރައުޓަރތައް ހިލޭ އަޕްގްރޭޑް ކުރެވޭނެއެވެ. އަދި ދިރާގު އެޕް https://bit.ly/Dhiraagu-App)) މެދުވެރިކޮށް ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ނޫންތޯ ބަލާލެވޭނެއެވެ.
•ދިރާގު އީ-ޒޯން: މުޅިން އަލަށް ތަޢާރަފްކުރާ ދިރާގު އީ-ޒޯން ޕްލެޓްފޯމާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ތަފާތު ކޮންޓެންޓް ސަބްސްކްރައިބްކޮށް، ގޭމިންގ އަދި މުނިފޫހިފިލުވުމާ ގުޅުންހުރި އިތުރު ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭނެއެވެ. އަދި މި ޕްލެޓްފޯމް އަލަށް ލޯންޗުކުރުމުގެ އޮފަރއެއްގެ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ މިނީ ގޭމް ސަބްސްކްރިޕްޝަންތަކެއް ލިބޭނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްލެޓްފޯމަށް އައު ކޮންޓެންޓާއި ފީޗާރތައް އިތުރުވަމުންދާނެއެވެ. ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު އީ-ޒޯންއަށް އެކްސެސްވެވޭނެއެވެ.
މީގެއިތުރުން ދިރާގުން ވަނީ މުޅި އޮކްޓޫބަރު މަހަށް ބަހާލައިގެން ސިލްސިލާ ޕްރޮމޯޝަންތަކެއް ލޯންޗުކުރާނެކަމަށް އިއުލާންކޮށްފައެވެ.