ޚަބަރު

ބީއެމްއެލްގެ ނަމުގައި ފޭކު މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


  • އިންޓަރނެޓް ބޭންކިންގެ މައުލޫމާތުތައް އަދާހަމަކުރުމަށް ލިންކެއް މެސެޖުގައިވޭ

  • ބީއެމްއެލުން ލިންކްތަކަށް ފިއްތުމަށް އެދި މެސެޖެއް ނުކުރާނެ

ބީއެމްއެލްގެ ނަމުގައި ފޭކު މެސެޖްތަކެއް ފޮނުވަމުންދާތީ ކަސްޓަމަރުން މިކަމަށް ސަމާލުވުމަށް އެބޭންކުން އިލްތިމާސްކޮށްފިއެވެ.

މިމެސެޖުގައިވަނީ މެސެޖް ލިބޭ ފަރާތުގެ ބީއެމްއެލް އިންޓަރނެޓް ބޭންކިން އެކައުންޓުވަނީ ލޯންޑް ކުރެވިފައި ކަމަށާއި އިންޓަރނެޓް ބޭންކިންގެ މައުލޫމާތުތައް އަދާހަމަކުރުމަށް ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރުމަށް މެސެޖުގައިވާ ލިންކަށް ފިއްތުމަށް އެދެއެވެ.

ބީއެމްއެލުން ބުނީ ލިންކްތަކަށް ފިއްތުމަށް އެދި އެބޭންކުން ކަސްޓަމަރުންނަށް މެސެޖްތައް ނުކުރާނެ ކަމަށެވެ. އަދި މިފަދަ މެސެޖްތަކަށް ސަމާލުވުމަށް އެބޭންކުންވަނީ އިލްތިމާސްކޮށްފައެވެ.

ބީއެމްއެލްއިން ދަނީ ކަސްޓަމަރުން ސްކޭމުން ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބޭންކުން ވަނީ ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގ އާއި ކާޑުތަކުގެ ޚިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފްކޮށްފައެވެ. އަދި އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ ލޮގިންއަށް ޓޫފެކްޓަރ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައެވެ.

މީގެއިތުރުން އިންޓަރނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާރޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓަރ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލެއްގެ ގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފަށާފައެވެ.