ޚަބަރު

މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަވަސް ފިޔަވަޅުތައް އަޅަންޖެހޭ: ވޯލްޑް ބޭންކް


  • އިޤްތިޞާދު މިއަހަރު %6.5ގައި ކުރިއަރާނެ ކަމަށްވަނީ ލަފާކޮށްފައި

  • 2024 އިން 2025 އަށް އެވްރެޖްކޮށް %5.4 ކުރިއަރާނެ

  • ޖުމްލަ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން %115އަށް ވުރެ މަތީގައި

ރާއްޖޭގެ އިޤްތިޞާދު މިއަހަރު %6.5ގައި ކުރިއަރާނެކަމަށް ލަފާކުރެވުނު ނަމަވެސް ހަރުދަނާ މާލީ ފިޔަވަޅުތައް އަވަހަށް އަޅަން ޖެހޭކަމަށް ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

ވޯލްޑް ބޭންކުގެ ސައުތު އޭޝިއާ ނެރުނު، 'ބެޓެން ޑައުން ދަ ހެޗަސް'ގެ ނަން ދީފައިވާ އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ މެދު ރާސްތާގެ އިޤްތިޞާދީ ތަސައްވަރު ރަނގަޅެވެ.

މިރިޕޯޓުގައިވާގޮތުން ރާއްޖޭގެ ރިއަލް ޖީޑީޕީ މިއަހަރު %6.5 ގައި އަދި 2024 އިން 2025 އަށް އެވްރެޖްކޮށް %5.4 ކުރިއަރާނެ ކަމަށް ބެލެވުނު ނަމަވެސް، އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާ ނަމަ، މާލީ ގޮންޖެހުންތައް ބޮޑުވެ، އޭގެ އަސަރު އިގްތިސާދަށް ކުރާނެއެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި، ކެޕިޓަލް ޚަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި، ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި، އިންފްލޭޝަން މަތިވުން ހިމެނޭ ކަމަށް މިރިޕޯޓުގައިވެއެވެ. އަދި މިގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާއެކު، ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމުކަމަށްވެސް މިރިޕޯޓުގައިވަނީ ހާމަކޮށްފައެވެ.

މިރިޕޯޓުގައިވާގޮތުން ރާއްޖޭގެ ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން %115އަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވެއެވެ. ސަރުކާރުން މި އަހަރުގެ ކުރީކޮޅު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑުކުރި ނަމަވެސް، 2023 ވަނަ އަހަރަށް ރާވާފައިވާ ސަބްސިޑީ އިސްލާހުތައް ލަފާކުރި ގޮތަށް ތަންފީޒުކުރެވެމުން ނުދާތީ، މިއަށްވުރެ ބޮޑު އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭން އާމްދަނީ އިތުރުކުރުމާ އެކު ޚަރަދުތައް ރަނގަޅަށް ބަލަހައްޓަން ޖެހޭކަމަށް ބުނެފައިވެއެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި އާސަންދަ ހެލްތު އިންޝުއަރެންސް ސްކީމް ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (ޚާއްޞަކޮށް ތެލާއި ކާބޯތަކެއްޗަށް ދޭ ސަބްސިޑީތައް) ރަނގަޅަށް އެކަށައަޅައި، ބެލެހެއްޓިގެން އަދި ރަނގަޅަށް އިންތިޒާމްވެގެން އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓްތައް ކުރުމަށް ވަރުގަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ.

މި ރިޕޯޓާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗު ހަދާދު-ޒަރްވޮސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ކާރިސާތަކަށް ތައްޔާރުވެފައިވާ އިޤްތިޞާދެއް ކަށަވަރު ކުރުމަށްޓަކައި ފަހުގެ އިސްލާހުތަކުގެ މައްޗަށް ބިނާކޮށް، ދަރަނި ބެލެހެއްޓުމާއި ޕްލޭންކޮށްގެން އިންވެސްޓްމަންޓްތައް ކުރުން ހަރުދަނާކުރުން މުހިންމުކަމަށެވެ.

" ފަަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ މައި އިންޖީނުގެ ގޮތުގައި ދެމި އޮތަސް، ތިމާވެއްޓާ ރަށްޓެހި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމާއި، ދުރު ސަރަހައްދުތަކުގައި މަދުން އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ހަރަދުކުރުމަށް އިސްކަންދިނުމާއި، އަމިއްލަ ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބާރުއެޅުން ފަދަ ފިޔަވަޅުތައް އަޅައިފި ނަމަ، އެންމެންގެ ބައިވެރިވުން އޮންނަ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކުގެ ގެއްލުންތަކާއި އެހެނިހެން ލޮޅުންތަކަށް ތައްޔާރުވެފައިވާ ފެހި އިގްތިސާދެއް ބިނާކުރުމަށް ރާއްޖެއަށް ބާރަކަށް ވާނެ." ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗު ހަދާދު-ޒަރްވޮސް ވިދާޅުވިއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭން އުމްރާނީ ތަރައްގީގެ ހިދުމަތްތައް ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ބަޖެޓަށް ވަރަށް ބޮޑަށް ބަރޯސާވެ، ގިނަ ފަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ ވެސް މަތިން އެފަދަ ޚަރަދުތައް ކުރެއެވެ.