ޚަބަރު

އިންތިޚާބުގެ ދެވަނަބުރަށް އިލެކްޝަންސް ކޮމިޝަނުން އޮތީ ފުރިހަމައަށް ތައްޔާރަށް: ފުއާދު


  • އަތޮޅުތަކާއި ރާއްޖެއިން ބޭރަށްވެސް ބޭނުންވާ ސާމާނާއި އޮފިޝަލުން ފޮނުވާފައިވާ ކަމަށް

  • ވޯޓުލުން ފަށާނީ މާދަމާ ހެނދުނު 08:00ގައި

  • ވޯޓުލުން ކުރިއަށް ދާނީ ހަވީރު 05:00އާއި ހަމައަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ބޭނުންވާ ސާމާނާއި އޮފިޝަލުން ވޯޓުލާ ތަންތަނަށް ފޮނުވާ، މާދަމާގެ އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤް ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި ކަންކަމަށް ބަލާ ގެންނަންޖެހޭ ބަދަލުތަކާއި ޙައްލުތައް މިބުރުގައި ގެނެސްފައިވާނެކަމަށެވެ. ޚާއްސަކޮށް ވޯޓުލާ މަރުކަޒުތަކުގައި ބައިބޯވެ ދިމާވި ދަތިކަމަށް މިފަހަރު ޙައްލު ގެނެސްފައިވާކަމަށެވެ. އެގޮތުން މިގޮތަށް ހުރި ފޮށިތައް ވަނީ، އެހެން މަރުކަޒުތަކަށް ބަދަލުކޮށްފައެވެ.

ފުއާދު ވިދާޅުވީ އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ބޭނުންވާ ސާމާނާއި، އޮފިޝަލުންވެސް މިހާރު އެތަންތަނަށް ފޮނުވާފައިވާކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ސާމާނު، ރަށްރަށަށް ފޮނުވުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށެވެ.

ފުއާދު ވިދާޅުވީ ބޭނުންވާ މިންވަރަށް އޮފިޝަލުން ހޯދާފައިވާކަމަށާއި، މާދަމާ ހެނދުނު 07:00ގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުން ހަރަކާތްތެރިވާން ފަށާނެކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ ރީރެޖިސްޓްރޭޝަނާއި ގުޅޭގޮތުން އޭރު އައި މައްސަލަތައްވެސް މުޅިން ޙައްލުކޮށް، ވޯޓު ލުމުގެ ހުރިހާ ތައްޔާރީތައް ނިމިިފައިވާކަމަށެވެ.

"ޙަގީގީ ޝަކުވާ ގޮތުގައި އައީ ދެ ޝަކުވާއެއް. އެއީ ނޭނގި ރަޖިސްޓަރކޮށްފައިވުމުގެ ދެ މައްސަލަ. އެކަންކަންވެސް ޙައްލުކުރިން. ދެންވެސް ހުރި ކުދިކުދި މައްސަލަތައްވެސް ޙައްލުކުރިން. އެހެންވީމަ ލިސްޓުގައިވެސް މައްސަލައެއް އޮތްކަމަށް ފަހުން އައިސްފައެއް ނެތް." ފުއާދު ވިދާޅުވިއެވެ.

އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ މަރުކަޒުތަކުގައިވެސް ފަށާނީ ހެނދުނު 08:00ގައެވެ. އެހެން ގައުމުތަކުގައި އެ ޤައުމަކަށް ކަނޑައަޅާފައިވާ ވަގުތުގައި ފަށާނެއެވެ.

ވޯޓުލާން ދާ މީހާއަށް ވޯޓުލާ މަރުކަޒަަށް ވެއްދޭނީ، އެމީހަކީ ކާކުކަން އަންގައިދޭ ރަސްމީ އައިޑީ ކާޑް، ޑްރައިވިން ލައިސަންސް، ޕާސްޕޯޓް ނުވަތަ ޕާސްޕޯޓު ކާޑެވެެ. އަތްދަބަހާއި ފޯނު މަރުކަޒަށް ވެއްދުން މަނާވާނެއެވެ. ދެން ގެންދެވޭނީ ކަރުދާހުގައި ފާހަގަޖެހުމަށް، ނޫ ނުވަތަ ކަޅު ކުލައިގެ ގަލަމެކެވެ. ވޯޓިން ބޫތުތަކުގައިވެސް ގަލަން ހުންނާނެއެވެ.

ވޯޓު ލާން ދާއިރު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުން އަދި އެކިއެކި ޔުނީފޯމް ބޮޑީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެއެވެ.

މި އިންތިޚާބުގައިވެސް ލޯފަން މީހުންނަށް އަމިއްލައަށް، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ލެވޭނެއެވެ. ނަމަވެސް އެހީތެރިއަކު ގެންދަން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް އޮންނާނެއެވެ.

ވޯޓުލުން ކުރިއަށްދާނީ ހަވީރު 05:00އާއި ހަމައަށެވެ. ފަހެއް ޖަހާއިރު ކިއުގަައި ޖެހިފައި ނުވާ މީހުންނަށް ވޯޓެއް ނުލެވޭނެއެވެ.

ވޯޓު ގުނަން ފަށާނީ ފޮށި ބަނދުކޮށް، 30 މިނެޓު ފަހުންނެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބެއެވެ.