ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރަކު 27 ސެޕްޓެމްބަރުގައި މި ދުވަސް ފާހަގަކުރަމުން އަންނައިރު، މި ދުވަހަކީ މުޅި ދުނިޔޭގެ ދަތުރު ފަތުރުގެ ސިނާޢަތަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ދުވަހެކެވެ. މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް އާދައިގެ ގޮތަކަށް ފަށައި މިއަދު މިވަނީ ދުނިޔޭގެ އެންމެ އުހަށް ދަތުރުކޮށްފައެވެ. މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 51 އަހަރު ފުރޭ އަހަރެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ "އިންވެސްޓިން ފޯރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" އެވެ. މާނައަކީ ފަތުރުވެރިކަމުގެ ޕްރޮޖެކްޓްތައް ހިންގާއިރު ވީހާވެސް ބޮޑަށް ތިމާވެއްޓާއި ރަހުމަތްތެރިގޮތަކަށް އެކަމުގެ ފައިދާ މީހުންނާއި އަދި ވެއްޓަށް ކުރާނެފަދަ ގޮތަކަށް ކުރިއަށްގެންދިއުމެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފެށި ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާތަނަށް ރާއްޖެ އަންނަނީ މި ސިނާޢަތުގައި ކުރިއެރުންތައް ހޯދައި ސިނާޢަތުގައި އެފަދަ ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. މިކަން ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ލަގަބް ވިދިވިދިގެން 3 ފަހަރު ހޯދުން ހެއްކެއްގެ ގޮތުގައި ފުދެއެވެ. ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުން ފެށި މަސައްކަތް މިހާރު މިވަނީ ރައްޔިތުންނާއި ހިސާބަށް ގެނެސް ރައްޔިތުންނަށްވެސް އޭގެ ފައިދާ ނެގޭނެ ގޮތް ހަދާފައެވެ.
ކޯވިޑުގެ ބަލިމަޑުކަމަށް ފަހު ފަތުރުވެރިކަން އަލުން އިޔާދަކޮށް ކުރިން ހުރިވަރާ ގާތަށް އެހެން އެއްވެސް ޤައުމަކަށް އަދި ނުގެނެވެއެވެ. ނަމަވެސް ރާއްޖެ މިހާރު އޮތީ ކޯވިޑްގެ ކުރިން އޮތް ހާލަތަށް ނުވަތަ އެއަށްވުރެވެސް ކުރިއަށް ދެވިފައެވެ. ކޯވިޑްގެ ސަބަބުން ދުވަހަކުވެސް އުއްމީދު ނުކުރާވަރުގެ ޝޮކެއް ފަތުރުވެރިކަމުގެ ސިނާއަތައް ލިބިގެން ދިޔަ ނަމަވެސް، ސިނާއަތް ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އެޅުއްވީ ސިނާޢަތުގެ އަޑު އަހައިގެން އެންމެ ފައިދާ ބޮޑު ގޮތަށް ވިސްނަވައިގެންނެވެ.
ރާއްޖެއިން މި ސިނާޢަތުގައި މިއަދު ހޯދާފައިވާ ކާމިޔާބީތަކަކީ، ބޯޑަރުތައް ބަންދުވެ ފަތުރުވެރިކަން ހުއްޓިގެން ދިޔައިރު ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެވެ. ކޯވިޑުގެތެރޭގައި ރާއްޖެ ޕްރޮމޯޓު ކުރަން ފެށީ އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައެވެ. އަދި ޕެންޑަމިކް ތެރޭ އެންމެ މަޤްބޫލު މަންޒިލުގެ ލަޤަބު ހޯދާ އެކަމަށް ކުރި މަސައްކަތް ކާމިޔާބީއާ ހަމައަށް ވާސިލުވެސް ކުރިއެވެ. މިހުރިހައި ކަމަކާއިއެކު އިންވެސްޓަރުންގެ ޝައުގުވެރިކަން ވަނީ އަލުން ރާއްޖެއަށް ލިބިފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ލާބައާއި މަންފާއަށްވެސް މިސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމާއި، ސަރވިސް ޗާޖަކީ ކޮންމެ މުވައްޒަފަކަށްވެސް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސެވުން ހިމެނެއެވެ.
ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރާއިރު ފަތުރުވެރިކަމުގެ މަންޒިލްތަކުން މިސާލުނަގާ ޤައުމަކަށް މިއަދު ރާއްޖެވަނީ ވެފައެވެ.