ޚަބަރު

ރައްޔިތުން ބޭނުންވަނީ އިތުބާރުކުރެވޭނެ ރައީސެއް: މާރިޔާ


  • ރައީސް ސާލިހުގެ 5 އަހަރުގެ ތެރޭގައި ރައްޔިތުންގެ ބޭނުންތައް ގާތުން އަޑުއެއްސެވި

  • ރައްިޔިތުންނަށް ބޭނުންތައް ހަގީގަތަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތްކުރެއްވިކަމަށް

  • އާރްޓީއެލް ފެރީގެ ޚިދުމަތާއެކު ރައްޔިތުންނަށް ހިތްހަމަޖެހުން ލިބުނުކަމަށް

  • ތިނަދޫގެ އިތުރުން އެތައް ރަށެއްގެ ތަރުހީބު ރައީސްއަށް އޮތްކަމަށް ވިދާޅުވި

ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ބޭނުންތައް ހަގީގަތަކަށް ހަދައިދޭނެ ވެރިޔެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި ބައްވާ ސިލްސިލާ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެމީހުންގެ ބޭނުންތައް ހަގީގަތަކަށް ހަދައިދޭނެ އިތުބާރު އޮތް ވެރިއެއްކަމަށެވެ. މިކަމަށް އިޝާރާތްކުރައްވާ މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަކީ ވޭތުވެދިޔަ 5 ފަހަރު ތެރޭގައި ރައްޔިތުންނާއި ހަމައަށް ވަޑައިގަތް ރައްޔިތުންގެ އިހުސާސްތައް ދުރާގާތުން ބެއްލެވި ރައީސެއްކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޑުއައްސަވާ އެ ކަންކަމާ ގުޅޭގޮތުން މެނިފެސްޓޯރއެއް އެކުލަވާލައި އެކަންކަން ރައްޔިތުންނަށް ތަންފީޒުކޮށްދެއްވިކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މި ސަރުކާރުން ފެށި އާރްޓީއެލް ފެރީގެ ޙިދުމަތަކީ ހިތްފަސޭހަ އަދި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލިބިގެންދިޔަ ލުއިފަސޭހައެއްކަމަށް މާރިޔާ ވިދާޅުވިއެވެ. މި ޚިދުމަތްތައް ހެޔޮއަގެއްގައި ބޭނުންކުރުމުގެ ފުރުސަތު ލިބެމުން އަންނާތީ ރައްޔިތުން ތިބީ ހިތްހަމަޖެހިގެންކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުވެސް އިއްޔެ ތިނަދޫއަށް ދިޔައިން އިމިގްރޭޝަންގް ޕާސްޕޯޓު އޮފީހެއް އެތަނުގައި ހުޅުވާތީ. ޕާސްޕޯޓު ރައްޔިތުންނާ ގާތުން އެތަނުން ލިބިވަޑައިގަންނަވާނެ. އަޅުގަނޑުވެސް އާރްޓީއެލް ފެރީގައި ދަތުރުކުރިން. ހިތްހަމަޖެހޭ އަރާމު ފެރީތަކެއް އެއޮތީ. ރާއްޖެއަށް އައި ބޮޑު އިންޤިލާބީ ބަދަލެއްކަމަށް ހައުސިން މިނިސްޓަރ އެވިދާޅުވަނީ. އެއީ ތެދުފުޅެއް. އެއީ އެމްޑީޕީގެ ވަޢުދެއް. އަދި އެކަން ސަރުކާރުން ސަބްސިޑައިޒްޑް ރޭޓެއްގައި ލިބެމުންދާތީ އެތަންތަނުގެ ރައްޔިތުން ތިބީ ހެވިފަ" މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަފުޅުގައި މި ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ހުރިހާ ރަށަކަށްވެސް ހަމަހަމަގޮތެއްގައި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރާކމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން ރައީސް ޞާލިހުގެ ކެމްޕެއިން ދަތުރުފުޅުތައް ދަނީ ބާރަަށް ކުރިއަށް ކަމުގައި މާރިޔާ ފާހަގަކުރެއްވިއެވެ. މިގޮތުން ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއްް އެމަނިކުފާނަަށް ލިބިވަޑައިގެންނެވިކަމަށާއި، އެހެން ރަށްރަށުންވެސް ތަކުރާރުކޮށް ތަރުހީބު ލިބިގެން ގޮސްފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ..