މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖަޕާނުގެ އިޤްތިޞާދަށް އަންދާޒާކުރި މިންވަރަށްވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖަޕާނުގެ ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ދެވަނަ ކުއާޓަރުގައި އެ ޤައުމުގެ ޖީޑީޕީ ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 6 އިންސައްތަ ކުރިއަރާފައެވެ. މިއީ ދެވަނަ ކުއާޓަރުގައި އެ ޤައުމުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވާ މިންވަރަށްވުރެ ދެ ގުނަ އިތުރު އަދަދެއްކަމަށް ހަބަރުތައް ބުނެއެވެ.
ފައިސާގެ އަގު ދަށްވުމާއެކު އެކްސްޕޯޓްކުރާ ފަރާތްތަކަށް ޖަޕާނުގެ އުފެއްދުންތައް ގަންނަން ލިބޭ އަގުތައް ހެޔޮވެ، ވިޔަފާރި އިތުރުވުމަކީ ޖަޕާނުގެ އިޤްތިޞާދު ކުރިއެރި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ހަބަރުތައް ބުނެއެވެ.
ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ ޖަޕާނުގެ ފައިސާކަމަށްވާ ޔެންގެ އަގު ވަނީ ޔޫއެސް ޑޮލަރާއި އަޅާބަލާއިރު މިދިޔަ މަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ދަށްވެފައެވެ.
ޖަޕާނުގެ އިޤްތިޞާދަށް ކުރިއެރުން ލިބެމުންދާ ބައެއް ސަބަބުތަކުގެ ތެރޭގައި މިދިޔަ އޭޕްރީލްމަހު އެ ޤައުމުގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަން އަނެއްކާވެސް ކުރިއެރުން ހިމެނޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ކޯވިޑްގެ ކުރިން އެ ޤައުމަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 70 އިންސައްތައާ ގާތްކުރާ އަދަދަކަށް މިހާރު ފަތުރުވެރިން ޒިޔާރަތްކުރަމުންދާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
އިޤްތިޞާދީ ކުރިއެރުންތައް ލިބެމުންދިއުމުގެ ސަބަބުން ޖަޕާނުގެ މަސައްކަތްތެރިންނަށް ލިބެމުންދާ އުޖޫރަވެސް ރަނގަޅުވަމުންދާކަމަށް ހަބަރުތައް ބުނެއެވެ.