ޚަބަރު

"ޖުގް ޖުގް ޖިއޯ" ގެ ސީކުއެލްއެއް ހަދަނީ


  • ފިލްމުގެ ފުރަތަމަ ބައިން ލީޑް ރޯލުން ފެނުނީ ވަރުން ދަވަނާއި ކިއާރާ އަދުވާނީ

  • އަނިލް ކަޕޫރާއި ނީތޫ ސިންގް އާއި މަނީޝް ޕޯލްގެ އިތުރުން ޕްރަޖަކްތާ ކޯލީވެސް މުހިންމު ރޯލުތަކުން ފެނުނު

  • ފިލްމުގެ ދެވަނަ ބައެއް އުފައްދާނެކަމުގެ އިޝާރާތެއް ކަރަަން ދިނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއެއްގައި

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ކޮމެޑީ ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ސީކުއެލްއެއް ހަދާނެކަމުގެ ޔަޤީންކަން އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ދީފިއެވެ.

އިންސްޓަގްރާމް ސްޓޯރީއެއްގައި ކަރަން ބުނީ ފިލްމެއްގެ ދެވަނަ ބައެއް ހަދާ ނަމަ އެ ފިލްމަކީ އަމިއްލަ ފިލްމު ކުންފުނި، ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ގެނެސްދިން ފެމިލީ ކޮމެޑީ ޑްރާމާ "ޖުގް ޖުގް ޖިއޯ" ކަމަށެވެ.

ކައިވެނީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ރާޖް މެހެތާއެވެ. ފިލްމުގެ މައިގަނޑު ކާސްޓުގައި ވަރުން ދަވަނާއި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީތޫ ސިންގް އާއި މަނީޝް ޕޯލްގެ އިތުރުން ޕްރަޖަކްތާ ކޯލީ ހިމެނެއެވެ.

"ޖުގް ޖުގް ޖިއޯ" ގެ ސީކްއެލްއެއް ހަދާނެކަމުގެ ޔަޤީންކަން ކަރަން ދިން އިރު، މީގެ ކާމިޔާބީއާ ގުޅިގެން ސީކުއެލް އެއް ހަދާ ވާހަކަ މިދިޔަ އަހަރުވެސް ވަނީ ވަރަށް ގަދަޔަށް ދެކެވިފައެވެ.

ބެލުންތެރިންގެ ބޮޑު މަޤުބޫލު ކަމެއް ހޯދި 2019 ވަނަ އަހަރު ދެއްކި "ގުޑް ނިއުސް" ވެސް ގެނެސްދިން ރާޖް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މިދިޔަ ފެބްރުއަރީގައި ދަރުމާ އިން ގެނެސްދިން "ސެލްފީ" އެވެ.

އެ ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 28 ގައި ރިލީޒްކުރާ އަދި ކަރަން ޑައިރެކްޓްކުރި "ރޮކީ އޯރް ރާނޫ ކީ ޕްރޭމް ކަހާނީ" އެވެ.