ކުއްލި ޙާލަތްތަކުގައި ރަށު ފެންވަރުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭން، 64 ރަށުގައި އެކުލަވާލެވިފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތީރިޓީި، އެން.ޑީ.އެމް.އޭއިން ވިދާޅުވެއްޖެއެވެ.
ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމާބެހޭ ޤާނޫނު ބުނާގޮތުން، ކުއްލި ޙާލަތުގައި ޢަމަލުކުރާނެގޮތުގެ ޕްލޭނަކާއި، އެކަމަށް މަސައްކަތްކުރާ ކޮމިޓީއެއް ކޮންމެ ރަށެއްގައި އޮންނަޖެހެއެވެ.
ރަށްރަށުގައި މި ޕްލޭން އެކުލަވާލެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭގެ އެހީތެރިކަމާ އެކުއެވެ. އެގޮތުން ރަށްރަށަށް ވަޑައިގެން، މުވައްސަސާތައް މި ޕްލޭނަށް ޢަމަލުކުރުމަށް ތައްޔާރުކުރެއްވުމަށް ގެންދަވަނީ ޕްރޮގްރާމްތައް ހިންގަވަމުންނެވެ.
ރަށްރަށުގެ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ކޮންމެ ރަށެއްގެ އެސެސްމަންޓެއް ހެއްދެވުމާއި، ކުއްލި ޙާލަތުގައި ޢަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވާލެއްވުމާއި، އަދި އެފަދަ ޙާލަތެއްގައި ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އެކަން އަންގާ ޢަމަލުކުރާނެ ގޮތްތައް އެކުލަވާލުން ހިމެނެއެވެ.
ޤާނޫނު ބުނާގޮތުން ކޮންމެ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީއެއްވެސް އޮންނަންޖެހެއެވެ. މި ކޮމިޓީގައި ހިމެނެނީ އެ ރަށެއްގެ މުވައްސަސާތަކުގެ އިސް މުވައްޒަފުންނެވެ. އެމީހުންނަށް ބޭނުންވާ ތަމްރީނާއި، ޓެކްނިކަލް މަޢުލޫމާތު ދެއްވުން އެ އޮތޯރިޓީން ކުރިއަށް ގެންދަވައެވެ.
އެން.ޑީ.އެމް.އޭއިން ވިދާޅުވީ، 64 ރަށެއްގެ އެމަޖެންސީ ރެސްޕޮންސް ޕްލޭން މިހާތަނަށް އެކުލަވާލައްވައިފައިވާ ކަމަށެވެ. "ޔޫއެސް އެއިޑް"އާއި "އޭ.ޑީ.ޕީ.ސީ ނެޓް"ގެ އެހީއާއެކު އިތުރު 7 ރަށެއްގެ ރެސްޕޮންސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މީގެތެރެއިން އެއް ރަށް ކަމަށްވާ، ގއ. ދެއްވަދޫގައި މިހާރުވެސް އޭގެ މަސައްކަތު ބައްދަލުވުންތައް ކުރިޔަށް އެބަގެންދަވައެވެ. މި ޕްރޮގްރާމްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސަކަތްތައް ވެސް ކުރިއަށްގެންދަވައެވެ. މި ޕްރޮގްރާމުގެ މަސައްކަތްތައް ކޮންމެ ރަށެއްގައި 5 ދުވަހަށް ކުރިއަށްގެންދަވައެވެ.
The first island is GA. Dhehvadhoo. We have 20 enthusiastic participants, who represent the stakeholders & community. We will wrap up this 5 day training with completion of GA. Dhehvadhoo Island Disaster Management Plan & establishment of Disaster Management Committee pic.twitter.com/U2eUYP8BB5
— NDMA Maldives (@NDMAmv) May 15, 2023
ރަށްރަށުގެ އެމަޖެންސީ އެކްޝަން ޕްލޭން ތައްޔާރުކުރައްވާއިރު، ރަށުގެ ނާޒުކުރުކަމާއި، ޤުދުރަތީ ކާރިސާތަކާއި ޙާދިސާތައް ކުރިމަތިވާ މިންވަރަށް ބައްލަވައެވެ. އެހެންކަމުން މި ޕްލޭން އެކުލަވާލައްވަނީ އެކަންކަމަށް ބައްލަވައި އެ ރަށަކަށް އެންމެ ފައިދާވާނެ ގޮތަށެވެ.
ރާއްޖެއަކީ ޤުދުރަތީ ވެށި ނާޒުކުރު ޤައުމެކެވެ. އުދައެރުމާއި، ވިއްސާރަވެ، ފެންބޮޑުމަކީ މިހާރުވެސް ރަށްރަށަށް ކުރިމަތިވާ ބޮޑެތި މައްސަލަތަކެވެ.
ޑިޒާސްޓަރ މެނޭޖްމަންތް އޮތޯރިޓީން ވިދާޅުވީ، މިފަދަ ޕްލޭނެއް އޮވެ އެޔަށް ޢަމަލުކުރަން ފެށުމަކީ، ކާރިސާގެ ވަގުތުގައި ރޭވުންތެރިކަމާއެކު އަވަސް ފިޔަވަޅުތަކެއް އެޅުމަށް ލިބޭނެ ބޮޑު ފަސޭހައެއްކަމަށެވެ.