ޚަބަރު

ސިކްސްތު ޕަވަރ ޕްރޮޖެކްޓް އަންނަ ޖުލައިމަހު ފަށަނީ


މާލެ ސަރަޙައްދުގެ ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގާ ސިކްސްތު ޕަވަރ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދަށް އަންނަމުންދާ އިޤްތިޞާދީ ހަރަކާތްތެރިކަމާއެކު ހަކަތައަށް އޮންނަ ޑިމާންޑް އަންނަނީ އިތުރުވަމުންނެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި އަޅަމުން އަންނަ ކަނެކްޓިވިޓީ ބްރިޖާއެކު މި ނިސްބަތް ބޮޑަށް އިތުރުވެގެންދާނެއެވެ. އެހެންކަމުން މިސަރަޙައްދުގެ ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގާ ބިޔަ މަޝްރޫޢު ސިކްސްތު ޕަވަރ ޕްރޮޖެކްޓް ހިންގަނީ ސްޓެލްކޯއިންނެވެ. މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މިކަމަށް ބޭނުންވާ ބިން މިހާރު އެޗްޑީސީން ހަމަޖައްސައިދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ޓެންޑަރއަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން. އަންދާޒާ ކުރެވެނީ މީގެ ޢަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށައިގަނެވޭނެކަމަށް." ޝަރީފް ވިދާޅުވިއެވެ.


ސިކްސްތު ޕަވަރ ޕްރޮޖެކްޓްގެ ދަށުން މިހާރު އަންނަނީ ބީލަމަށް ހުޅުވާލުމަށް ބޭނުންވާ ލިޔެކިޔުން ކޮންސަލްޓަންޓަކު މެދުވެރިކޮށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސްޓެލްކޯއިން ބުނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ދެނެގަތުމަށް މޭއިމަހުގެ ތެރޭގައި މަޝްރޫޢު ބީލަމަށް ހުޅުވާލުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. މި މަޝްރޫޢަށް ބޭނުންވާ މާލީ ޚަރަދު ހިނގާނެ ގޮތުގެ މޮޑެލްއެއް މިނިސްޓްރީ އޮފް ފިނޭންސްއާއެކު މިހާރު ތައްޔާރުކުރެވިފައިވާ ކަމަށްވެސް ސްޓެލްކޯއިން ހާމަކުރިއެވެ.

ސިކްސްތު ޕަވަރ ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރާ އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިކަމަށް ބިން ހަމަޖެހިފައިވަނީ މިހާރު ހުރި 50 މެގަވޮޓްގެ އިންޖީނުގެ ހުރި ސަރަޙައްދުގައެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 100 މެގަވޮޓްގެ އިންޖީނުގެއެކެވެ. މި މަޝްރޫޢަކީ 70 މެގަވޮޓްގެ މަޝްރޫޢެއް ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި ކެޕޭސިޓީ އިތުރުކުރަންޖެހޭ ޙާލަތެއްގައި ވެސް ބޮޑެތި ބަދަލުތަކާ ނުލައި އެކަން ކުރެވޭނެ މަގު ފަހިވާގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދެވުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.