ޚަބަރު

ވަންދޫ އިންސިނަރޭޓަރު އޮޕަރޭޝަނަށް ގެންނަނީ


ރ. ވަންދޫގައި ޤާއިމުކޮށްފައިވާ އިންސިނެރޭޓަރު އޮޕަރޭޝަނަށް ނުގެނެވިގެން އުޅެނީ އޭގެ މެނުފެކްޗަރާގެ ފަރާތުން އެއްބާރުލުން ނުލިބިގެންކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ރ. ވަންދޫގައި ތަރައްޤީކޮށްފައިވާ ސަރަޙައްދީ ކުނި މެނޭޖްކުރާ މަރުކަޒުގައި ޤާއިމުކޮށްފައިވާ އިންސިނެރޭޓަރު އޮޕަރޭޝަނަށް ނުގެނެވިގެން އުޅޭ ސަބަބު ދެނެގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގައި، މެމްބަރުން ވަނީ ސުވާލުކުރައްވާފައެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ، ވަންދޫގައި ޤާއިމުކޮށްފައިވާ އިންސިނެރޭޓަރަކީ 2016 ހާތާނގައި ޤާއިމުކޮށްފައިވާ އިންސިނަރޭޓަރެއްކަމަށާއި، އެ އިންސިނަރޭޓަރު ޤާއިމުކޮށްފައިވާ ފަރާތުގެ އެއްބާރުލުން މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ނުލިބޭކަމަށެވެ.

"މީގަ ޖެހިގެން އުޅެނީ ފައިސާގެ މައްސަލައެއް ނޫން ޙަޤީޤަތުގައި. މިއީ 2016، 2017 ހިސާބުގައި އިންސޓޯލްކޮށްފައިވާ އިންސިނެރޭޓަރެއް. އޮޕަރޭޝަނަށް ގެނައުމަށް މެކުފެންޗަރަރގެ އެއްބާރުލުން ބޭނުންވޭ. މަޝްވަރާތައް މިހާރު ކުރިއަށް އެބަދޭ. ކޮންމެވެސް ވަރަކަށް ކުރިއަށްވެސްދޭ އެކަމަކު މިއީ ޖެހިގެން އުޅޭ މައްސަލައަކީ" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އިންސިނަރޭޓަރުގެ މަސައްކަތް އެހެން ފަރާތަކާ ޙަވާލުކުރުމަކީ ރިސްކު ބޮޑު ކަމެއްކަމަށެވެ. އިންސިނަރޭޓަރުތަކަކީ ރަނގަޅަށް ބަލަހައްޓަންޖެހޭ އެއްޗެއްކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ، އެހެން ފަރާތަކާ ޙަވާލުކޮށްފިނަމަ ނުރައްކާތެރި ޙާދިސާތައް ހިނގުމަކީ ވަރަށް ކައިރީގައިވާ ކަމެއްކަމަށެވެ.

ރ. ވަންދޫގައި ސަރަޙައްދީ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކޮށް ވެމްކޯއާ ޙަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގައެވެ. އެހެންނަމަވެސް އެތާނގެ އޮޕަރޭޝަން ވަނީ ހުއްޓިފައެވެ.

އޭގެފަހުން 2019 ވަނަ އަހަރު ވަންދޫގައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނި އަންދައިގެން ހަކަތަ އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް މި މަޝްރޫޢުވެސް ކުރިއަށްނުގޮސް އޮތީ މަޑުޖެހިފައެވެ. އޭގެފަހުން އިންސިނަރޭޓަރަށް ދިމާވެފައިވާ މެއިންޓަނަންސް މައްސަލައެއް ޙައްލުކޮށް މިދިޔަ އަހަރުގެ މެދުތެރޭގައި އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފެށިކަން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ވަނީ އޭރުހާމަކޮށްފައެވެ.

އުތުރުގެ ކުނި މެނޭޖްކުރާ މަރުކަޒަކީ އެސަރަޙައްދުގެ ނ، ރ، ބ، އަދި ޅ އަތޮޅުގެ ހުރިހާ ރަށަކަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ގެނައުމަށް މުހިއްމު މަޝްރޫޢެކެވެ.