މި މަހުގެ 9 ވަނަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި ބޮލީވުޑް އެކްޓަރު އަދި ޑައިރެކްޓަރު ސަތީޝް ކޯޝިކް މަރުވިއިރު އޭނާގެ އުމުރުން 66 އަހަރެވެ. ސަތީޝްގެ މަރާއެކު މުޅި ބޮލީވުޑްވެސް އަންނަނީ ހިތާމަ ކުރަމުންނެވެ.
މިކަމާއި ގުޅިގެން އެކި މީހުން ވަނީ ވާހަކަވެސް ދައްކާފައެވެ. އެގޮތުން ޕްރޮޑިއުސަރު ކަރަން ރަޒްދާން ބުނި ގޮތުގައި ފިލްމީ މަސައްކަތްތަކުގެ ތެރެއިން ސަތީޝް އެންމެ ބޮޑަށް ބޭނުންވި އެއް ކަމަކީ އޭނާ ޑައިރެކްޓިކޮށް 2003 ވަނަ އަހަރު ދެއްކި ސަލްމާންޚާންގެ "ތެރޭ ނާމް" ގެ ދެވަނަ ބައި ސަލްމާނާއެކު ހެދުމެވެ.
މިކަމާއި ގުޅޭގޮތުން މާ ގިނަ ވާހަކަ ސަތީޝް ދައްކާފައި ނެތް ނަމަވެސް، ސަލްމާނަށް ވަރަށް ތަޢުރީފް ކުރާ ކަމަށް ރަޒްދާން ބުންޏެވެ. މި ފިލްމުގެ އިތުރުން ބޮލީވުޑް ސުޕަރސްޓަރ އަމީތާބް ބައްޗަން އާއިއެކުވެސް ފިލްމެއް ހަދާ ވާހަކަ ސަތީޝް ބުނެފައިވާ ކަމަށް ރަޒްދާން ބުންޏެވެ.
އާންމުކޮށް ކޮމެޑީ ރޯލްތަކުން ފެންނަ އަދި އެފަދަ ރޯލުތަކުން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ސަތިޝް އަކީ މިހާތަނަށް ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ތަރިންނާ އެކީ މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އަދި މަޝްހޫރު އެތައް ފިލްމެއްގައި އޭނާ މަސައްކަތްކޮށްފައިވެއެވެ. ސަތިޝް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހު ޒީ5 އިން ޕްރީމިއާކުރި ބަތަލާ ރަކުލް ޕްރީތު ސިންގުގެ "ޗަތުރީވާލީ" އިންނެވެ.
އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "މިސްޓާ އިންޑިއާ"، "ސާގަރް"، "މައުސޫމް"، "ދީވާނާ މަސްތާނާ" "ޕަރުދޭސީ ބާބޫ" އަދި "އާ އަބް ލޯޓް ޗަލޭ" ފަދަ އެތައް ފިލްމެއް ހިމެނެއެވެ.
އެކްޓަރެއްގެ އިތުރުން ސަތީޝް އަކީ ޑައިރެކްޓަރެކެވެ. އޭނާ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި އައިޝްވާރިއާ ރާއީގެ "ހަމާރާ ދިލް އާޕް ކޭ ޕާސް ހޭ" އާއި ސަލްމާން ޚާންގެ "ތޭރޭ ނާމް" އާއި ކަރީނާ ކަޕޫރްގެ "މިލޭގޭ މިލޭގޭ" އާއި ކާޖޮލްގެ "ހަމް އާޕް ކެ ދިލް މޭ ރެހެތޭ ހޭ" ގެ އިތުރުން ސްރީދޭވީގެ "ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ" ހިމެނެއެވެ.
ސަތީޝްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަންގަނާ ރަނާވަރު ޑައިރެކްޓްކޮށް ކުޅެ، މި އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ "އިމަރޖެންސީ" ހިމެނެއެވެ.