ޚަބަރު

މިއުޒިކަލް އައިޑަލްއަށް އިންޑިއަން އައިޑަލްގެ ޕަވަންދީޕްއާއި އަރުނިތާ ރާއްޖެއަށް


ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ މިއުޒިކަލް އައިޑަލްގައި ލަވަތައް ހުށަހަޅައިދިނުމަށް އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަން ކާމިޔާބުކުރި ޕަވަންދީޕްއާއި އެސީޒަންގެ ފަސްޓް ރަނަރަޕް އަރުނީތާ ރާއްޖެއަށް އަތުވެއްޖެއެވެ.

މިދެ ފަންނާނުން ރާއްޖެއަށް އައިސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ޕަވަންދީޕްއާއި އަރިނީތާގެ އެކި ހުށައެޅުންތަކާއެކު، މިޝޯވް އޮންނާނީ އަންނަ ހުކުރު ދުވަހުގެރެއެވެ.

ރާއްޖެއާއި އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުން އިސްނަގައިގެން ބާއްވާ ޓުވެނިއަލް ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާ މި ޝޯވްގައި ހުށައެޅުންތައް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އިންޑިއަން އައިޑަލްއިން ވިދާލި 2 ފަންނާނުންކަމުގައިވާ އަރުނިތާއާއި ޕަވަންދީޕްއެވެ.

މިއުޒިކަލް އައިޑަލްގައި ދިވެހި ފަންނާނުންގެ ތެރެއިން ޝަލަބީއާއި ރާފިޔަތް ރަމީޒްގެ ހުށައެޅުންތައްވެސް ފެނިގެންދާނެއެވެ.

ޝޯވ ބަލާލުމަށް ބޭނުންވާ ފަރާތްތަކުން މިހާރު ޓިކެޓު ގަންނަމުންދާކަމަށް މިޙަރަކާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ. މިގޮތުން މިތަރިންނާއެކު ރޭގަނޑުގެ ކެއުމާއެކު ޝޯވ ބަލާލުމަށް ބޭނުންވާ ފަރާތްތަކަށް ވީވީއައިޕީ ޓިކެޓު ހުރީ 2000 ރުފިޔާއަށެވެ. އަދި ތަރިންނާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތާއެކު ވީއައިޕީ ޓިކެޓު ހުރީ 500 ރުފިޔާއަށެވެ. އެނޫން ފަރާތްތަކަށް 150 ރުފިޔާއަށާއި 80 ރުފިޔާއަށްވެސް ޓިކެޓު ލިބެން ހުންނާނެކަމަށް ޓުވެނިއަލް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މޫލީ މެދުވެރިކޮށް މިހާރުވަނީ ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށް މިފަދަ އެކި ފެސްޓިވަލްތައް މުހިއްމު ދައުރެއް އަދާކުރާކަމަށް ދެޤައުމުން ފާހަގަކުރެއެވެ. އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވިދާޅުވެއެވެ. އަދި ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ އިންޑިއާއަށް މުހިއްމު އަވައްޓެރި ޤައުމެއްގެ ގޮތުގައި އެޤައުމުން ފާހަގަކުރެއެވެ.