ސަވާދީއްތަ ދަތުރުގެ 2 ވަނަ އެޑިޝަންގައި ބައިވެރިވާ ބޭރުގެ ޔޮޓްތައް ލަންދޫގައި ބަންދަރުކުރަން ފަށާފައިވާކަމަށް މި ހަރަކާތް އިންތިޒާމްކުރާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީން ވިދާޅުވެއްޖެއެވެ.
ސަވާދީއްތަ ދަތުރަކީ 2000 އަހަރަށްވުރެ ގިނަ ދުވަސްވީ ދިވެހިރާއްޖޭގެ މުއްސަނދި އަދި ޒަމާންވީ ތާރީޚާއި ޘަޤާފަތް، ދުނިޔެއަށް ދައްކުވައި، ކޮމިއުނިޓީ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، އެމް.އައި.ޓީ.ޑީ.ސީގެ ފަރާތުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ޔޮޓް ރެލީއެކެވެ. މި ޔޮޓް ރެލީގެ ފުރަތަމަ ދަތުރު ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއައިޓީޑީސީން ވިދާޅުވީ، މިއަހަރުގެ ޔޮޓް ރެލީގައި 10 ޔޮޓަށްވުރެ ގިނަ ޔޮޓު ބައިވެރިވާނެކަމަށެވެ. މި ޔޮޓްތަކުގެ ތެރެއިން 2 ޔޯޓް މިމަހުގެ 25 ވަނަ ދުވަހު ބަނދަރުކޮށްފައިވާއިރު، އަދި އިތުރު 2 ޔޮޓް މިއަދު ބަނދަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ޔޮޓްތއްވެސް ރާއްޖެއަސް އަންނާނެކަމަށް އެމްއައިޓީޑީސީއިން ވިދާޅުވެއެވެ.
ސަވާދީއްތަ ދަތުރު ފަށަން ހަމެޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ. މި ޔޮޓް ރެލީގައި މިފަހަރު ބައިވެރިވާނެ އެންމެ މަޝްހޫރު އެއްފަރާތަކީ މެލޭޝިއާގެ ސަރކަމް ނެވިގޭޓްކުރާ ފައިބަން ފެނާންޑޭޒްއެވެ. އޭނާއަކީ ދުނިޔެވަށައި ސަރކަމްނެވިގޭޝަން ފަށާ މީހެކެވެ. "ޑެސްޓިނީ 2" ގެ ނަން ދީފައިވާ ޔޮޓުން ދުނިޔެވަށައި ދުއްވާ މި ދަތުރު ފަށާނީ ރާއްޖެއިންނެވެ. އަދި ދަތުރު ނިމޭނެކަމަށް ބެލެވެނީ 5 އަހަރުންނެވެ.
މިއަހަރުގެ ސަވާދީއްތަ ދަތުރު އަންނަ މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. މިދިޔަ އަހަރު ބޭއްވި ފުރަތަމަ އެޑިޝަން ރާއްޖޭގެ އެންމެ އުތުރުން އުލިގަމުން ފަށައި ނިންމާލާފައިވަނީ ނ. ލަންދޫއަށެވެ. އަދި އަންނަ މަހު ބާއްވާ 2 ވަަނަ އެޑިޝަން ފަށާނީ ނ. ލަންދޫއިންނެވެ.
މި ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ނ.ލަންދޫ،، ޅ.ހިންނަވަރު، ބ.ގޮއިދޫ، އއ.ތޮއްޑޫ، އއ.ރަސްދޫ، އއ.އުކުޅަސް، އދ. ދަނގެތި، އދ.ދިގުރަށް އަދި އދ.މާމިގިލިއެވެ.
މީގެ ފުރަތަމަ ދަތުރުގައި ރާއްޖޭގެ އުތުރުގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ 9 ރަށަކާއި، 2 ފަޅުރަށައް ވަނީ ބައިވެރިން ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި ރާއްޖެއިން ބޭރުގެ 7 ޔޮޓަކުން 23 ފަތުރުވެރިން ވަނީ ބައިވެރިވެފައެވެ.
ސަވާދީއްތަ ދަތުރުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމެވެ. އަދި ފަތުރުވެރިންނަށް ރާއްޖޭގެ ސަޤާފަތާއި ދިވެހިންގެ ކެއުންބުއިމާއި ދިވެހިންގެ އާއްމު ދިރިއުޅުން ދައްކާލުމެވެ.