ޚަބަރު

ބާދަގަނޑުގެ ވިޔަފާރިކުރުމަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރަނީ


ބާދަގަނޑު ވިޔަފާރިކުރުމަށް ހުޅުމާލެއިން ބިން ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާއި ކުރިޔަށް ގެންދިޔުމާއި ގުޅިގެން ގިނަ އަދަދެއްގެ ބާދަގަނޑުފަދަ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ އަދަދު އިތުރުވެފައިވާކަމަށެވެ.

މިވިޔަފާރި ކުރާ ފަރާތްތަކުން މަގާއި ދުވާރު ފަދަ ތަންތަން ނަހަމަގޮތުގައި ބޭނުން ކުރަމުން ގެންދާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެހެންކަމުން ބާދަގަނޑުގެ ވިޔަފާރިކުރާ ފަރާތްތަކަށް އާންމުން ދިރިއުޅޭ ސަރަހައްދާއި ދުރުން ބިން ދޫކުރަން ނިންމާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މި ބިންތަކަށް ކުރިމަތިލާ ފަރާތްތަކަކީ ވިޔަފާރި ހުއްދައާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތްތަކަށް ވާންޖެހެއެވެ. އަދި އެޗްޑީސީއަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތަކަށް މިބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ނެތްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީން ވިދާޅުވީ މިފަދަ ވިޔަފާރިތަކަށް ބިން ދޫކޮށް، އުސޫލެއްގެ ދަށުން މިކަން ކުރިއަށްގެންދިއުމުން، ދަގަނޑާއި ކޭބަލް ފަދަ ތަކެތީގެ ވައްކަމުގެ މައްސަލަތައް މަދުވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި މިފަދަ ތަކެތީގެ ވިޔަފާރިކުރާނަމަ އެފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.