މި އަހަރުގެ ސުޕަރ ބޯލް ހާފްޓައިމް ޝޯވ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ވަނީ މޮޅު ޕާފޯމެންސެއް ދައްކާފައެވެ.
މި ޝޯވގައި ރިހާނާގެ ލަވަކިޔުމުގެ ހުނަރުގެ ވާހަކައިގެ އިތުރުން އެހެން ވާހަކައެއްވެސް ފެންމަތިވެގެން އައެވެ. އެއީ ރިހާނާ ދެވަނަ ދަރިފުޅަށް ބަލިވެ އިން ކަމަށް ބުނެ އިވުނު އަޑުތަކެވެ.
މިކަން ރިހާނާގެ ތަރުޖަމާނު ވަނީ ޕީޕަލްސް އަށް ކަށަވަރުވެސް ކޮށްދީފައެވެ. ނަމަވެސް މިކަމާއިބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.
ދުނިޔޭގެ އެންމެ މަޤުބޫލު އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ 37 އަހަރުގެ ރިހާނާ އަށް އަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ރިހާނާ އާއި އޭނާގެ ބައިވެރިޔާ އެމެރިކާގެ ރެޕާ އޭސަޕް ރޮކީ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ.
"ފެންޓީ" ގެ ނަމުގައި އަމިއްލަ ފެޝަނާއި ކޮސްމެޓިކް ބްރޭންޑެއް ވެސް ހިންގަމުން އަންނަ ރިއާނާގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "އެންޓި" އެވެ. މިދިޔަ އަހަރު ނެރުނު "ބްލެކް ޕެންތާ" ގެ ސީކްއެލް "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" އަށް ރިއާނާ ކިޔައިދިން ލަވަ "ލިފްޓް މީ އަޕް" އަކީ މި އަހަރުގެ އޮސްކާ އާއި ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އޮރިޖިނަލް ލަވައަށް ވާދަކުރި ލަވައެކެވެ.