ޤައުމީ ވޮލީ ޓީމުގެ ކޯޗް ސުންޓޮން ފޮސީޓާއާ މެދު ހިތްހަމަޖެހޭކަމަށާއި،
ފޮސިޓާގެ ސަބަބުން ޓީމަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވޮލީ ބޯޅަ
އެސޯސިއޭޝަންގެ ނައިބް ރައީސް އިލްޔާސް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްޔާސް ވިދާޅުވީ ސުންޓޮން
ފޮސީޓާ ހަވާލުވިފަހުން ކުޅެފައިވާ މުބާރާތްތަކުގައި ޓީމަށް ކުރިއެރުންތަކެއް
އައިސްފައިވާކަމަށެވެ. އިލްޔާސް ވިދާޅުވީ ރާއްޖޭގެ ވޮލީ ބޯޅާ
ކުރިއެރުވުމަށްޓަކައި ސުންޓޮން ފޮސީޓާ ކޮށްދެއްވާ މަސައްކަތް ބަލައިގަންނަކަމަށާއި،
އަދި އެކަން އެސޯސިއޭޝަނުން ފާހަގަކުރާކަމަށެވެ. ކޯޗާ ބެހޭގޮތުން ވާހަކަދައްކަމުން
އިލްޔާސް ވިދާޅުވީ ކޮންމެ ކޯޗަކީވެސް ތަފާތު ކޯޗެއްކަމަށެވެ. އަދި ފޮސީޓާއަކީ މޮޅު
ކޯޗެއްކަމަށް ގަބޫލްކުރާކަމަށާ ހާއްސަކޮށް އޭނާގެ ފަރިތަކުރުންތަށް
ފާހަގަކޮށްލެވޭކަމަށެވެ.
އިލްޔާސް ވިދާޅުވީ ކޯޗް އިތުރަށް ގައުމީ ޓީމްގައި ބެހެއްޓުމަށް
މިހާރު އެސޯސިއޭޝަނުން ނިންމާފައިވާކަމަށެވެ އަދި ކުރިއަށް އޮތްތާނގައިވެސް ގައުމީ
ޓީމަށް ވަގުތުދޭ މިންވަރާ ގައުމީ ޓީމް މުބާރާތްތަކުގައި ހޯދާ ނަތީޖާތަކާ
މާލީގޮތުން އެސޯސިއޭޝަނަށް ފޯރުންތެރިކަން ހުންނަމިންވަރެއްގެ މައްޗަށް ބަލައި،
ކޯޗާއި މެދު ނިންމުންތައް ނިންމާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.
"ކޯޗާ މެދު ހިންހަމަޖެހޭ. ނަމަވެސް މިދިޔަ ދެ އަހަރުވެސް
ވޮލީ ޓީމްއަށް މެޑަލްއެއް ލިބޭގޮތްވަނީ ނުވެފަ. އެސޯސިއޭޝަންގެ މާލީ ހާތަލު ތަންދޭ
މިންވަރަކުން އަބަދުވެސް ބަލަމުންދާނީ މޮޅެތި ކޯޗުން ގެނައުމަށް. މިކޯޗަކީވެސް
މޮޅު ކޯޗެއް، އަދި ވޮލީގެ ކުރިއެރުމަށް ކޯޗް ކުރާ މަސައްކަތް ވަރަށް
ފާހަގަކޮށްލެވޭ." އިލްޔާސް ވިދާޅުވިއެވެ.
ޤައުމީ ވޮލީ ކޯޗް ފޮސީޓާ ބުނީ ފުރުސަތު ދީފިނަމަ، ޤައުމީ ޓީމާއެކު
ކުރިއަށްދާ ބޭނުންވާކަމަށެވެ. ރާއްޖޭގެ ޓީމަކީ ވަރުގަދަ މޮޅު ކުޅުންތެރިން ތިބި ޓީމެއްކަމަށާއި، ހާއްސަކޮށް ރާއްޖޭގައި ވޮލީއަށް ދެމުން އަންނަ މުހިންމުކަންވެސް ދުވަހެއް
ދުވަހަކަށް އިތުރުވަމުންދާކަން ކޯޗު ފާހަގަކުރިއެވެ. މިހާތަނަށް ރާއްޖޭގެ ޓީމްތަށް
މުބާރާތްތަކުގައި ހޯދާފައިވާ ނަތީޖާއެދު ހިތްހަމަޖެހޭކަމަށާއި، ކުޑަ ދުވަސްކޮޅަކު ފަރިތަކުރުންތަށް
ކުރިއަށްގެންގޮސްގެން ރަނަގަޅު ނަތީޖާއެއް ނުލިބިދާނެކަމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން
ފަރިތަކުރުންތަށް ކުރިއަށް ގެންގޮސް މުބާރާތަކާ ކުރިމަތިލައިފިނަމަ، ރާއްޖޭގެ
ޓީމަށްވެސް ރަން މެޑަލް ހޯދިދާނެކަމަށް ފޮސީޓާ ބުންޏެވެ.
"އަހަރެން ބޭނުން ގައުމީ ޓީމްއާއެކު ކުރިއަށްދާން.
ފުރުސަތު ދީފިނަމަ ކުރިއަށް އޮތްތާގައި ރަނގަޅު ނަތީޖާތަކެއްވެސް ނެރެވިދާނެ.
ކާމިޔާބީއަކީ އެންމެ ދުވަހަކުން ނުވަތަ ދެތިން ދުވަހަކުން ކުރާ މަސައްކަތަކުން
ލިބޭ އެއްޗެއްނޫން. އެއީ އަހަރުތަކެއް ވަންދެން ކުރާ މަސައްކަތުން ލިބޭ އެއްޗެއް.
ރާއްޖޭގެ ޓީމްއަށްވެސް މިކަން ކުރެވިދާނެ. ބޭނުންވަނީ ގިނަ ދުވަސްތަކެއް ވަންދެން
ފަރިތަކުރުންތަށް ކުރިއަށް ގެންދަން." ފޮސީޓާ ބުންޏެވެ.
2014 ވަނަ އަހަރުގެ ކުރީ ކޮޅު ގައުމީ ޓީމާ ހަވާލްވި ސުންޓޮން
ފޮސީޓާގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ސީނިއަރ ވޮލީ ޓީމް މިހާތަނަށް ވަނީ ފަސް
މުބާރާތުގައި ވާދަކޮށްފައެވެ. އެއީ އޭޝިއަން ގޭމްސް، ބަނގްލަދޭޝްގައި އޮތް
އިންވިޓޭޝަނަލް ވޮލީ މުބާރާތް، އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް
ޗެމްޕިއަންޝިޕް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ. އަދި ނިމިގެންދިޔަ ސައުތް
އެޝިއަން ގޭމްސްއެވެ. އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ދެ
ވަނަ ވޮލީ ޓީމް ހޯދިއިރު، ބަނގްލަދޭޝްގައި އޮތް ވޮލީ މުބާރާތުގައި ރާއްޖޭގެ ޓީމްވަނީ
ފައިނަލްގައި ކަޒަކިސްތާންއަތުން ބަލިވެފައެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ވޮލީ ޓީމަށް
ލިބިފައިވަނީ ހަތަރުވަނައެވެ.
ގައުމީ ފިރިހެން ވޮލީ ޓީމް މިހާރު ތައްޔާރުވަމުންދަނީ
އަންނަ މަހުގެ ތިނަކުން ނުވައަކަށް މެލޭޝިޔާގައި އޮންނަ މެލޭޝިއަން އިންވިޓޭޝަނަލް
ވޮލީ ބޯޅަ މުބާރާތަށެވެ.