ޚަބަރު

ސްކޫލަށް ހާޒިރުނުވާތީ ރަސްމާދޫ ސްކޫލްގެ ޕްރިންސިޕަލް މަޤާމުން ވަކިކުރަނީ


ސްކޫލަށް ހާޒިރުނުވާތީ ރ.ރަސްމާދޫ ސްކޫލްގެ ޕްރިންސިޕަލް ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރަސްމާދޫ ސްކޫލުގެ ޕްރިންސިޕަލް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިމިވަނީ އޭނާ ޗުއްޓީއަށް ފަހު ސްކޫލަށް ހާޒިރުނުވާކަމުގެ ކަންބޮޑުވުން ރަށުގެ ބެލެނިވެރިން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ ނޮވެމްބަރުމަހު ފަހުކޮޅުން ފެށިގެން ޕްރިންސިޕަލް ސްކޫލަށް ހާޒިރުވެފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިންވެސް ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ މި މައްސަލަ މިނިސްޓްރީން ބަލަމުންދާކަމަށެވެ. އެގޮތުން ވަގުތީގޮތުން ސްކޫލްގެ ހިންގުން، ލީޑިން ޓީޗަރާ ހަވާލުކޮށްފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ ވަކި އެއްޗެއް އެންގުމަކާއި ނުލާ ޕްރިންސިޕަލް ސްކޫލަށް ހާޒިރުވެފައި ނުވާތީ، ސިވިލް ސަރވިސް ކޮމިޝަންގެ ގަވައިދާއި އެއްގޮތަށް އެކަން ބަލާ ޕްރިންސިޕަލް ވަޒީފާއިން ވަކިކުރުމަށް އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާކަމަށެވެ. އެގޮތުން ޕްރިންސިޕަލް ވަޒީފާއިން ވަކިކުރުމަށް މިހާރު ސިވިލް ސަރވިސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.