ޚަބަރު

ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ


އިރާނާއި އެމެރިކާއާ ދެމެދު އަނެއްކާ ވެސް ޙަމަލާތަކެއް ބަދަލުކުރުމާއެކު ތެލުގެ އަގު މައްޗަށް ޖެހިލައިފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އީރާނުގެ ރައީސް މަސްޢޫދު ޕެކެޝްކިއަން ވަނީ ޖޫން މަހުގެ 17ވަނަ ދުވަހު އިބްތިދާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނުކުތާތައް މާނަ ކުރެވިދާނެ ގޮތްތަކާމެދު ދެބަސްވުންތައް އުފެދުމާއި ޙަމަލާތަކެއް ބަދަލުކުރުމުގެ ސަބަބުން އެ އެއްބަސްވުމަށް ވަނީ ހިޔަނި އެޅިފައެވެ. ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ވިޔަފާރި އުޅަނދަކަށް އީރާނުން ޖޫން މަހުގެ 25ވަނަ ދުވަހު ޙަމަލާ ދިން ކަމަށް ބުނެ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނާ ދެކޮޅަށް ޖޫން މަހުގެ 26ވަނަ ދުވަހު ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގެ ރައްދެއްގެ ގޮތުން އީރާނުން ވެސް ވަނީ ބަޙްރައިންއާއި ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ ހަރުމުދަލަށް އަމާަޒުކޮށް މިސައިލް އަދި ޑްރޯން ޙަމަލާތަކެއް ދީޛައެވެ. އެ ޙަމަލާތަކަށް ފަހު ދެ ޤައުމުން މިހާރު ވަނީ ޙަމަލާތައް ހުއްޓާލައި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް އަލުން ކުރުމަށް ނިންމައިފައެވެ.

އީރާނާއި އެމެރިކާއާ ދެމެދު ޙަމަލާ ބަދަލުކުރުމާއެކު ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު މިންކުރުމަށް ބޭނުންކުރާ ބްރެންޓް ތެލުގެ އަގު ވަނީ 0.9 އިންސައްތަ އިތުރުވެފައެވެ. އެ ޙަމަލާތަކުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅިން ހަނގުރާމައިގެ ކުރިއެކޭ އެއްގޮތަށް ދަތުރުތައް ދެން ކުރެވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

އޮގަސްޓު މަހުގެ ތެރޭގައި ޑެލިވެރީ ކުރުމަށް ހަމަޖެހިފައިވާ ބްރެންޓު ތެޔޮ ވިއްކުމަށް މިހާރު އެއްބަސްވެފައިވާ އަގަކީ ފީފާއަކަށް 73.21 އެމެރިކާ ޑޮލަރެވެ. އެ އަގަކީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުގެ އެއް ދުވަސް ކުރިން އެ އަގު ހުރި މިންވަރަށް ވުރެ 127 ސެންޓު އިތުރު އަގެކެވެ. އެއީ ގާތްގަނޑަކަށް 1.27 އެމެރިކާ ޑޮލަރެވެ.

ތެލުގެ ބާޒާރު ދިރާސާކުރާ އެނަލިސްޓުން ޤަބޫލުކުރާ ގޮތުގައި ތެލުގެ އަގު އަނެއްކާ ވެސް މައްޗަށް ޖެހިލާފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަަށް އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއް ވުމުން، އެ އެއްބަސްވުމުގެ ސަބަބުން ހަނގުރާމަ ނިމެނީ ކަމަށް އިންވެސްޓަރުންނަށް މާ އަވަހަށް ޤަބޫލުކުރެވުމުން ކަމަށެވެ. އިބްތިދާޢީ އެއްބަސްވުމާއެކު ޙާލަތު ރަނގަޅުވާނެ ކަމަށް އިންވެސްޓަރުން އުންމީދުކުރި ކަމަށާއި އޭގެ ސަބަބުން ތެލުގެ އަގު ދަށަށް ދިޔަ ކަމަށް އެނަލިސްޓުން ފާހަގަކުރިއެވެ. ނަމަވެސް ހީކުރި ގޮތާ ޚިލާފަށް، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާތައް އަމާޒުވަމުންދާ ކަމަށާއި، އޭގެ ސަބަބުން ހަނގުރާމައަށް އަދި ނިމުމެއް ނާންނަ ކަން ހަނދާންކޮށްދީފައިވާ ކަމަށް އެނަލިސްޓުން ފާހަގަކުރެއެވެ.