ވިޔަފާރީގެ މުޢާމަލާތްކުރުމަށް ދުނިޔޭގެ ގިނަ ކުންފުނިތަކުން ބޭނުންކުރާ "އެސްއޭޕީ އަރީބާ" ނެޓްވޯކް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ތައާރަފުކޮށްފިއެވެ.
އަރީބާ ނެޓްވޯކަކީ އެސްޓީއޯއާއި ސަޕްލަޔަރުންނާއި ފަސޭހައިން މުޢާމަލާތްކުރެވޭނެ ވިއުގައެކެވެ.
އެސްޓީއޯއިން އަރީބާ ނެޓްވޯކް ތަޢާރަފްކޮށްފައިވަނީ ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މިނެޓްވޯކް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝިފާންއެވެ.
އަރީބާ ނެޓްވޯކަކީ ކްލައުޑް ބޭސްޑް އޮންލައިން ނެޓްވޯކެކެވެ. މި ނެޓްވޯކްގެ ސަބަބުން ސަޕްލަޔަރުންނަށް މުއާމަލާތްތަކުގައި އެއްބާރުލުން ދީ، ގުޅުން ބަދަހިކޮށް، ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމުގައި ފަސޭހަވެގެންދެއެވެ.
އެސްޓީއޯއިން ބުނީ މިއީ ފަސް ދުވަހުގެ ޕްރޮކިއުމަންޓު މަސައްކަތް 5 ގަޑިއިރަށް ބަދަލުކޮށްދޭނެ ނެޓްވޯކެއް ކަމަށާއި ނެޓްވޯކަށް މަސައްކަތްތައް ބަދަލު ކުރާނީ، ނެޓްވޯކާ ގުޅޭ ގޮތުން ސަޕްލަޔަރުންނަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، އެ ނެޓްވޯކަށް އަހުލުވެރިވުމުން ކަމަށެވެ. އަދި މީގެ ސަބަބުން އެސްޓީއޯގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމަކާއި ފަސޭހައެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
Our team highlight the effectiveness on how the SAP ARIBA system will assist us in digitally transforming the way we do business from source to pay.#SAP_ARIBA#STO_ARIBA #STO_Source2Pay pic.twitter.com/LYIGrFXv7K
— STO (@stoplc) January 19, 2023
އަރީބާ ނެޓްވޯކަކީ ކްލައުޑް ބޭސްޑް ވިއުގައެކެވެ. މި ވިއުގައިގެ ދަށުން، އީމެއިލް މެދުވެރިކޮށް ކުރަމުންދާ ހުރިހާ މުޢާމަލާތްތައް އަރީބާ ނެޓްވޯކް މެދުވެރިކޮށް ކުރެވޭނެއެވެ. އަދި ބިޑްތައް ފޮނުވުމާއި، ބިޑް ހުށެޅުން ފަދަ މަސައްކަތްތައް ވެސް އަރީބާގެ ތެރެއިން ކުރެވޭނެއެވެ. މީގެއިތުރުން، އެއްބަސްވުންތަކުގައި ސޮއި ކުރުން ފަދަ ކަންކަން ވެސް އަރީބާގެ ތެރެއިން ކުރެވޭނެއެވެ.
އަރީބާ ނެޓްވޯކަށް ވިޔަފާރިވެރިންނާއި ސަޕްލަޔަރުން އަހުލުވެރިކުރުމަށް ޚާއްސަ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.