ޚަބަރު

މަގޭސޯލާ ޕްރޮޖެކްޓް؛ 250 ގޭބީސީގައި 1 މެގަރވޮޓް ހަރުކޮށްފި


  • އިތުރު 298 ގޭބީސީގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ

  • ޖުމްލަ 748 ގޭބިސީއެއްގައި ސޯލާ ނިޒާމު ހަރުކުރާނެ

  • ޖުމްލަ 1 މެގަވޮޓުގެ ސޯލަރ ހަކަތަ ވަނީ ހަރުކޮށްފައި

މަގޭސޯލަރ ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 200 އަށްވުރެ ގިނަ ގޭބީސީގައި 1 މެގަރވޮޓުގެ ސޯލަރ ހަރުކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްއާއި ގުޅިގެން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މަގޭ ސޯލަރ ޕްރޮގްރާމަކީ، އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރު ކުރުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ނިޒާމު ޤާއިމްކުރާނީ، ހަމައެކަނި ގޭބިސީތަކުގައެވެ. އަދި މި ނިޒާމު ޤާއިމުކުރާ ގޭބިސީތައް ކަނޑައަޅާނީ، އެކަމަށް އެދި ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، 'މަގޭ ސޯލަރ' ޕްރޮގްރާމުގެ ދަށުން އާންމު ފަރާތްތަކަށް ސޯލަރ ޕެނަލް ހަރުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ، ސޯލަރ ހަރުކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ މަސައްކަތްތައް ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް 250 ގޭބީސީއެއްގައި ޖުމްލަ 1 މެގަވޮޓުގެ ސޯލަރ ހަކަތައިގެ ނިޒާމު ގާއިމުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސޯލަރ ހަރުކުރުމަށް ރަޖިސްޓްރީކޮށްފައިވާ އިތުރު 298 ގޭބީސީއެއްގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަދި ބާކީ އެބައޮތް 298ގެ ނުޖެހި. ދެން އަޅުގަނޑުމެން މި ބަލަނީ، މިމަސް ނޫނީ އަންނަމަސް ނިމޭއިރު ޖަހާ ނިންމާލެވޭނެ ކަމަށް. އަޅުގަނޑަށް އިރުޝާދު އައިސްފައި އެބައޮތް، އާންމު ރައްޔިތުންނަށް ފުޅާކޮށްދެވިދާނެތޯ ބަލާދީބަލަށޭ. އަޅުގަނޑަށް ހީވަނީ އެކަން އިތުރަށް ފުޅާ ކުރެވޭގޮތަށް މަގުވެސް ފެނިއްޖެހެން" ވަޒީރު ވިދާޅުވިއެވެ.

މަގޭ ސޯލަރ ޕްރޮގްރާމުގެ ދަށުން 748 ގޭބިސީއެއްގައި ސޯލަރ ނިޒާމު ހަރުކުރަން ނިންމާފައިވެއެވެ. އަދި ކޮންމެ އަތޮޅެއްގައިވެސް ސޯލަރ ހަރުކުރާނެ ގޭބިސީތަކުގެ އަދަދު މިހާރު ވަނީ ކަނޑައަޅާފައެވެ. ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސޯލަރ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގޭބިސީތަކާއި ގޭބިސީތަކަށް ދޫކުރާ ސޯލާ ޕީވީ ސިސްޓަމްތަކުގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިންގ އުސޫލުން ގޭބިސީތައް ސަރވޭ ކުރުމަށްފަހު ކަމަށެވެ. މިޕްރޮގްރާމުގެ ދަށުން ހަރުކުރާނީ، 3 އަދި 5 ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސޯލަރ ސިސްޓަމްތަކެކެވެ.

ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސޯލަރ ޕީވީ ނިޒާމު ހަރުކުރުމަށް އެޑްވާންސް ފީއެއް ނުނަގާނެ ކަމަށެވެ. ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމްގެ އަގު ނަގާނެ ކަމަށެވެ. އަދި މި ފައިސާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަކަތައާބެހޭ ވުޒާރާއިން މަގޭ ސޯލަރ ޕްރޮގްރާމް ފަށާފައިވަނީ، އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރު ކުރުމަށެވެ. މަގޭ ސޯލަރ ޕްރޮގްރާމަކީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުން ކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ.