ޚަބަރު

ސެޓެލައިޓް ސްކޫލިންއަށް އަހަރެއް: އާބާދީ މަދަސް، ކިޔެވުމަށް ހުރަހެއްނެތް


ރާއްޖޭގެ އާބާދީ މަދު ރަށްތަކުގައި ތައުލީމް ހާޞިލްކުރަމުންދާ ދަރިވަރުން އުނގެނުމުން މަހުރޫމުވިޔަ ނުދިނުމަށްޓަކައި ސެޓަލައިޓް ސްކޫލް ތަޢާރަފްކޮށް ކިޔަވައިދޭން ފެށީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުގައެވެ.

މި ނިޒާމަށް އަހަރެއް ވެގެން އައިއިރު 44 ދަރިވަރުންނަށް އަންނަނީ ކިޔަވައިދެމުންނެވެ. ސެޓަލައިޓް ސްކޫލްގެ އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަން ބަލަހަށްޓަމުންގެންދަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުންނެވެ. ސެޓްލައިޓް ސްކޫލްއަށް އަހަރެއް ފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ވަނީ ޚާއްސަ އެސަމްބްލީއެއްވެސް ބާއްވާފައެވެ.

ތަޢުލީމީ ދާއިރާގައި މުޅިން އަލަށް ސެޓަލައިޓް ސްކޫލް މެދުވެރިކޮށް ކިޔަވައިދޭން ފެށީ 2022 ވަނަ އަހަރު އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 އާ ހަމައަށެވެ. އެގޮތުން އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ އާބާދީގޮތުން މަދު 2 ސްކޫލެއްގެ ކުދިންނަށެވެ. އެއީ ފެހެންދޫގެ 26 ދަރިވަރުންނާއި، ވ. ތިނަދޫގެ 4 ދަރިވަރުން ހިމެނޭހެން ޖުމްލަ 30 ދަރިވަރުންނަށެވެ.

ނަމަވެސް މިހާރު ދަނީ ޔޫ.ކޭ.ޖީ އިން ފެށިގެން ގްރޭޑް 9 އާއި ހަމައަށް ބ. ފެހެންދޫ އަދި ވ. ތިނަދޫގެ އިތުރުން، ބ. ފުޅަދޫ އާއި ގއ. ކޮނޑޭ އަދި ޙާއްސަ ޙާލަތުގެ ދަށުން ތަޢުލީމު ހާސިލުކުރާ ދެ ދަރިވަރުން ހިމެނޭހެން ޖުމްލަ 44 ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައެވެ.

އުނގަންނައިދިނުމަށް ގިނަ ހަރަކާތްތަކަކާއެކު ތަފާތު ތަޖުރިބާއެއް

ވޭތިވެދިޔަ ކުރު މުއްދަތުގައި ސެޓެލައިޓް ސްކޫލުގެ ދަރިވަރުންގެ ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ތަފާތު ހަރަކާތްތައް ހުރަވީ ސްކޫލްއިން ވަނީ ހިންގާފައެވެ.

އެގޮތުން ދަރިވަރުންގެ ހިތްތަކުގައި މާދަރީ ބަހަށް ލޯބި ޖެއްސުމައްޓަކައި ވާދަވެރި މާހައުލެއްގައި އަދަބީ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ހަމައެހެންމެ ދަރިވަރުންގެ ބަސްކޮށާރު މުއްސަނދި ކުރުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ދަރިވަރުންގެ ކިޔުމުގެ ހުނަރު ކުރިއަރުވާ، ދަރިވަރުންނަކީ ފޮތް ކިޔުމަށް ލޯބި ކުރާ ދަރިވަރުންތަކަކަށް ހެދުމަށްޓަކައިވެސް ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔައެވެ.

މީގެ އިތުރަށް ދަރިވަރުންގެ ކިބައިގައި ހުރި ފަންނީ ހުނަރު ދައްކާލުމަށްޓަކައި ޤުރުއާން މުބާރާތާއި، މަދަހަ މުބާރާތާއި، ސައިންސް ފެއާރއާއި، ޑްރާމާ މުބާރާތް ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފައިވެއެވެ.

ދުނިޔޭގެ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ ގޮތުން ޑައުންސިންޑްރޯމް ދުވަހާއި، ޤައުމީ ދުވަހާއި، މާދަރީ ބަހުގެ ދުވަހާއި، ޅެންވެރިންގެ ދުވަހާއި، ވޯރލްޑް ހާޓް ޑޭ ފަދަ ދުވަސްތައް ކުލަގަދަކޮށް ވަނީ ފާހަގަކޮށްފައެވެ. ހަމަ އެހެންމެ ދަރިވަރުން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ބާރު އެޅުމުގެ ގޮތުން ދުޅަހެޔޮ ހަށިހެޔޮ ޕޮރޮގްރާމްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

ރަށުގައި ތިބެގެން ކިޔެވުމަށް ފަހިވި ފުރުޞަތާއެކު ދަރިވަރުންވެސް ތިބީ އުފަލުން

ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ސެޓެލައިޓް ޓީމް ގުޅިގެން ކުރި މަސައްކަތުން ގިނަ ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހާސިލު ކުރެވިފައިވާކަން ހުރަވީ ސުކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ.

ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިވީ މުއްދަތުގެ ތެރޭގައި ހުރަވީ ސްކޫލްގެ މުދައްރިސުން ސެޓެލައިޓް ސްކޫލްތަކަށް ޒިޔާރާތްތަކޮށް ވަގުތު ހޭދަކޮށްފައިވާކަމަށެވެ. މިގޮތުން މި ދަތުރުތަކުން އެކުދިން ކިޔަވަން ބޭނުންވާކަމާއި، ޢިލްމަށް ހުރި ލޯތްބާއި ޝަޢުގު އެނގިގެންދިޔަކަން ޕްރިންސިޕަލް ފާހާގަކުރެއްވިއެވެ.

"ކުރިއަށް އޮތްތަނުގައި މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަނެވި މި ނިޒާމް މިހާރަށްވުރެ ފުރިހަމަ ކުރެވިގެންދާނެ" ހުރަވީ ސުކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ސެޓެލައިޓް ސްކޫލް މެދުވެރިކޮށް ކިޔަވާ ދަރިވަރުން ތިބީ ހިތްހަމަޖެހިގެންނެވެ. މިގޮތުން އަމިއްލަ ރަށް ދޫކޮށް ހަމައެކަނި ކިޔެވުމަށް ދަތުރުކުރި ކުދިން އުފުލަންޖެހުނު ބުރައަށް ލުޔެއް ލިބިގެންދިޔަކަން އެކުދިން ފާހަގަކުރިއެވެ. އަދި އިންޓަރނެޓް ސްލޯވުމުގެ ސަބަބުން ކިޔެވުމަށް އުނދަގޫވިނަމަވެސް މުދައްރިސުން އެރަށްތަކަށް ޒިޔާރަތް ކުރުމުން އެކުދިން ތިބީ ހިތްހަމަޖެހިގެންނެވެ.

"އަޅުގަނޑަށް މިހާރު ޓެކްނޮލަޖީ ބޭނުންކުރުމުގައި ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ. އޭގެ ތެރޭހައި ޖެހޭ ކުދިކުދި މައްސަލަތައް ހައްލުކުރުމާއި ޓައިޕްކުރަން ދަސްވުމާއި، އިތުރު ކަންކަންވެސް ދަސްވެއްޖެ. މިއީ އަޅުގަނޑުމެންގެ މުސްތަޤުބަލަށް ވަރަށް މުހިއްމު ކަމެއް" ސްޓްލައިޓް ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރަކު ބުންޏެވެ.

ސެޓެލައިޓް ސްކޫލިން މެދުވެރިކޮށް ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ ޢިމާރާތަކާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުންވެސް ތިބެއެވެ. މިގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާނެ ވަޞީލަތްތައް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފޯރުކޮށްދީފައެވެ.