ޚަބަރު

ދެކުނުގެ މަސް ފެކްޓްރީތައް ވީހާ އަވަހަށް ބޭނުން ކުރެވޭނެ މަގު ފަހިކޮށްދޭނަން: ރައީސް


ދެކުނުގައި ތަރައްޤީކުރަމުން އަންނަ މަސް ފެކްޓްރީތައް ވީހާވެސް އަވަހަށް ބޭނުން ކުރެވޭނެ ގޮތް ހަދާ މަސްވެރިން
ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބޭނެ ގޮތް ހަައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސީޓީގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް އަދިވެސް އެބަހުރިކަމަށާއި ނަމަވެސް އެހެން ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. މަސްވެރިކަމަކީ ޤައުމުގެ އިޤްތިޞާދުގެ އެންމެ ބޮޑު އާމްދާނީއެއް ލިބޭ ދާއިރާއަށްވާއިރު ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް މިހާރު ކޮށްދޭ މަސައްކަތުގެ ދަށުން ހުވަދޫގައާއި އައްޑޫސިޓީގައި ހުރި މަސް ފެކްޓްރީ ވީހާވެސް އަވަހަކަށް ބޭނުންކުރެވޭގޮތް ހަދާ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.

"ސަރުކާރުން މިއަދު މަސްވެރިކަމުގެ ދާއިރާގައި އެސިނާއަތުގައި ކުރަމުންގެންދާ މަސައްކަތަކީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް. އަޅުގަނޑު ބޭނުން މަސްވެރިންނަށް މިއަށްވުރެ ރަނގަޅުގޮތްތައް ހޯދައިދޭން. އޭގެ ބޭނުމުގައި ހުވަދޫގައާއި އައްޑޫގައި ހުރި މަސްފެކްޓްރީ ވީހާވެސް އަވަހަކަށް ބޭނުންކުރެވޭ ގޮތްހަދާ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބޭނެ ގޮތް ހަދައިދޭނަން" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުގެ ސަބަބުން ތެލުގެ އަގުވެސް އުފުލެމުން އަންނަކަން ފާހަގަކޮށް ރައީސް ވިދާޅުވީ އަސްލު ތެޔޮ ލިބޭ އަގަށް މިހާރު ވިއްކާނަމަ މަސްވެރިންނަށް ތެޔޮ ވިއްކަން ޖެހެނީ މިހާރު ވިއްކާ އަގަށްވުރެ މާ ބޮޑުކޮށްކަމަށެވެ. އަދި ސަރުކާރުން ތެލަށް ސަބްސިޑީއެއް ދީ ތެލުގެ އަގަށް ބަދަލުނުގެނެސް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން އަންނަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން އަންނަނީ އައްޑޫސިޓީގެ އިތުރަށް ފެލިވަރާއި ކޫއްޑޫގައި ހުރި މަސް ފެކްޓްރީތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ.