ޚަބަރު

ރަށްތައް ޕްރޮމޯޓްކުރުމުގައި ޕީއެސްއެމްއިން އެހީތެރިކަން ދެނީ


  • ޗާލު ދިވެހިރާއްޖެ އެވޯޑަށް 50 ރަށުން ކުރިމަތިލި

  • އާއްމުންގެ ވޯޓުލުން ނިމި ޖަޖުންގެ ބައި ވަނީ ފަށާފައި

  • 6 ދާއިރާއިން ނޮމިނޭޓްވެފައި ވަނީ 14 ރަށް

ރަށްރަށުގެ މުޖުތަމަޢުއިން ރަށް ކުރިއެރުވުމަށް ކުރާ މަސައްކަތަކީ ވަރަށް ބަލައިގަންނަ މަސައްކަތެއް ކަމަށާއި، އެކަންކަން ޕްރޮމޯޓްކޮށް ރަށްރަށަށް ކުރިއެރުން ހޯދުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ވެދެވެން އޮތް އެންމެހާ އެހީތެރިކަމެއް ދޭނެކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބް ވިދާޅުވެއްޖެއެވެ.

"ޗާލު ދިވެހިރާއްޖެ އެވޯޑް"އަކީ، މި މަގުން ޕީއެސްއެމްއިން މިހާރު ފަށާފައިވާ އެންމެ މުހިންމު މަސައްކަތެކެވެ. މި އެވޯޑުގެ އާއްމުންގެ ވޯޓުގެ ބައި ނިމި މިހާރު މިވަނީ ރަށްރަށުގެ އިވެލުއޭޝަން ދަތުރުތައް ފަށާފައެވެ.

އަޙުމަދު ޝަކީބް ވިދާޅުވީ، މި އެވޯޑަށް ހުޅުވާލުމުން 50 ރަށަކުން އެވޯޑަށް ކުރިމަތިލި ކަމަށެވެ. މީގެތެރެއިން ދެވަނަ ބުރަށް 11 އަތޮޅަކުން 14 ރަށް ވަނީ ހޮވިފައެވެ.

އެވޯޑުގެ ޖަޖުންގެ އިވެލުއޭޝަން ދަތުރުތައް ފަށާފައިވަނީ، ކ.ގުރައިދޫއިންނެވެ. ނޮމިނޭޓްވި ހުރިހާ ރަށްތަކަށް ޖަޖުން ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، އިވެލުއޭޓް ކުރުމުގެ ދަތުރުތައް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝާކީބް ވިދާޅުވިއެވެ. މާކްސް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ވަރަށް ރަނގަޅަށް ބަލާ، އެންމެ އިންސާފުވެރިކޮށްކަން ޝަކީބް ފާހަގަކުރެއްވިއެވެ.

މި އެވޯޑުގައި އެންމެ ރީތި ބީޗު، ވެށި އަދި ލޯކަލް ޓުއަރިޒަމް އެންމެ ރަނގަޅަށް ގެންދާ ރަށްތައް ބަލައެވެ.

"އާއްމުންގެ ވޯޓާއި ޖަޖުންގެ އިންސާފުކުރުމާއިއެކު އަހަރު ނިމުމުގެ ކުރިން ނަތީޖާ އިޢުލާނުކުރުން ޢަމާޒަކީ. ވަރަށް ވަރުގަދަ ޙަފްލާއަކާއެކު ކުލަގަދަކޮށް ކުރާނީ. ރާއްޖޭގެ ރަށްތަކުގެ މުޖުތަމަޢުން އެކި ރޮނގުރޮނގުން ރަށްރަށުގައި ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދީ، ޕްރޮމޯޓްކުރަން ވެދެވެން އޮތް އެންމެހާ އެހީއެއް ޕީއެސްއެމްއިން ދޭނަން." ޕީއެސްއެމްގެ އެމްޑީ ޝަކީބް ވިދާޅުވިއެވެ.

މިއެވޯޑުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ މަރުޙަލާގައި ކޮންމެ ކެޓަގަރީއަކުން އެންމެ ގަދަ ފަސް ރަށް ވަނީ ހޮވާފައެވެ. 6 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ، ކަނޑައަޅާފައެވެ.

އެންމެ ހިތްގައިމު ރަށު މަންޒިލް:

* ރ. ރަސްގެތީމު - ކަނޑު ޖެޓީ
* ހދ. ނައިވައިދޫ - ނައިވައިދޫ ހޮހޮޅަ
* އއ. މަތިވެރި - މަތިވެރި ފިނޮޅު
* ލ. ހިތަދޫ - ހިތަދޫ ކުޅި
* އދ. ދަނގެތި - ހަނދު ދަގެތި

ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް:

* އއ. އުކުޅަސް
* އއ. މަތިވެރި
* ބ. ކުޑަރިކިލު
* އދ. ދިގުރަށް
* އދ. ދަނގެތި

ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް:

* އއ. މަތިވެރި
* ބ. ކުޑަރިކިލު
* ދ. ރިނބުދޫ
* އއ. އުކުޅަސް
* ވ. ކެޔޮދޫ

ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް:

* އއ. އުކުޅަސް
* ބ. ކުޑަރިކިލު
* އދ. ދަނގެތި
* އއ. މަތިވެރި
* ފުވައްމުލައް ސިޓީ

އެންމެ އެކުވެރި މުޖުތަމަޢު:

* ހދ. ނައިވައިދޫ
* ބ. ކުޑަރިކިލު
* އއ. އުކުޅަސް
* އއ. މަތިވެރި
* ވ. ކެޔޮދޫ

އެންމެ ރީތި ގޮނޑުދޮށް:

* ކ. ގުރައިދޫ - ގުރައިދޫ ބީޗް
* ޅ. ހިންނަވަރު - ހިންނަވަރު ރީތި ބީޗް
* އއ. އުކުޅަސް - އުކުޅަސް ނެޗުރަލް ބީޗް
* އއ. މަތިވެރި - މަތިވެރި ބީޗް
* އދ. މަންދޫ - މަންދޫ ތުނޑި

ޕީއެސްއެމުން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފް ކުރި ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި، ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މުޖުތަމަޢުގެ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައި، މިއެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ގޮތުން އެކި ކެޓަގަރީތަކުގެ ނަތީޖާ ވަޒަންކުރާނީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން މިނިވަން އޮޑިޓް ފާރމެއް މެދުވެރިކޮށެވެ.

ޕެނަލްގައި އެކެޓަގަރީއަކާ ގުޅޭ ތަޖުރިބާކާރުންނާއި، މުސްތަޤިއްލު ފަރާތްތައް ފަނޑިޔާރުންގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. މި އެވޯޑުގައި %40 އަކީ، އާއްމުންގެ ވޯޓެވެ. އަދި %60 އަކީ، ޖަޖުންގެ މާކްސްއެވެ.