ވިޔަފާރި

އަހަރުގެ ފުރަތަމަ ހަފްތާ، ދަރަނިން 278.4 މިލިއަން ރުފިޔާ ދެއްކި


މިއަހަރުގެ ފުރަތަމަ ހަފްތާގައި ދަރަނި އަނބުރާ ދެއްކުމަށް 278.4 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުން ވަނީ 664.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ރިކަރަންޓް ޚަދުތަކާއި ކެޕިޓަލް ޚަރަދުތައް ހިމެނެއެވެ.

ޚަރަދުތަކުގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމަށް ސަރުކާރުން ވަނީ ބޮޑު ހޭދައެއް ކޮށްފައިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ޖެނުއަރީ 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށް ލޯނު އަނބުރާ ދެއްކުމަށް ދައުލަތުން ވަނީ 278.4 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރު ޢަދަދެކެވެ. އެގޮތުން 2022 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ލޯނު އަނބުރާ ދެއްކުމަށް ސަރުކާރުން ޚަރަދުކޮށްފައިވަނީ 18.5 މިލިއަން ރުފިޔާއެވެ.

ޢުމްރާނީ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީއަށް 89.3 މިލިއަން ރުފިޔާ މިއަހަރުގެ ފުރަތަމަ ހަފްތާގައި ވަނީ ހަރަދުކޮށްފައެވެ. އަދި ރިކަރަންޓް ޚަރަދު ނުވަތަ ދުވަހަށް ދުވަހަށް ހިނގާ އިދާރީ ޚަރަދުތަކަށް 295.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތައް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 61.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 23.1 މިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 38.6 މިލިއަން ރުފިޔާ ހިމެނެއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެއީ 4.5 މިލިއަން ރުފިޔާއެވެ.