ޚަބަރު

އޮޅުވާލައިގެން އިންކަމް ސަޕޯޓު ފައިސާ ހޯދި މީހަކަށް ދަޢުވާކުރުމުން އަނބުރާ ފައިސާ ދައްކައިފި


ކޯވިޑައި ގުޅިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް ސަރުކާރުން ދިން އިންކަމް ސަޕޯޓް އެލަވެންސް، އޮޅުވާލައިގެން ހޯދި މީހެއްގެ މައްޗަށް ދަޢުވާކުރުމުން، އެފައިސާ އަނބުރާ ދައުލަތަށް ދައްކައިފިއެވެ.

އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވެންސް ހޯދިމަކަމަށް ތުހުމަތުކޮށް، ދައުލަތުން ދަޢުވާ އުފުލީ، ހ.ކެލާމާވިލާ އަހްމަދު ސަރާހު އާއި ދެކޮޅަށެވެ. އޭނަ އޮޅުވާލައިގެން 5،000 ރުފިޔާ ހޯދިކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެފައިސާ އަނބުރާ ދެއްކުމަށް މިނިސްޓްރީން އޭނާއަށް އެތައް ފަހަރަކު އެންގިނަމަވެސް، ފައިސާ އަނބުރާ ނުދެއްކުމުން، ސިވިލް ކޯޓަށް މައްސަލަ ހުށައެޅީކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅުމުން، ސަރާހު ވަނީ އެ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެފައެވެ. މިއާއެކު އެ މައްސަލަ އަނބުރާ ގެންދިއުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ.

ކޯވިޑާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކުރި މީހުންނަށް ދޫކުރި އިންކަމް ސަޕޯޓް އެލަވެންސް ހޯދުމަށް، ސައްޙަ ނޫން ލިޔެކިޔުންތައް ހުށައަޅައިގެން ފަސް މިލިއަނެއްހާ ރުފިޔާ ހޯދާފައިވާކަމަށް ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް އެލަވެންސް ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓުން ދައްކައެވެ.

އިންކަމް ސަޕޯޓް އެލަވަންސަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ. މި އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ.

އޮޅުވާލައިގެން އިންކަމް އެލަވެންސް ހޯދާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ކުރިން ހެދި ރިވިއު ރިޕޯޓުންވެސް އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވެންސް ބައެއް ފަރާތްތަކުން ހޯދާފައިވާކަން ހާމަވުމާއި ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ހާމަކުރައްވާފައިވެއެވެ.

ންކަމް ސަޕޯޓް އެލަވަންސަށް އެންމެ ގިނަ އަދަދަކަށް އެދިފައިވަނީ 21 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ. އެގޮތުން 7400އަށްވުރެ ގިނަ މީހުންނަކީ މި އުމުރު ފުރައިގެ މީހުންނެވެ. އަދި އެލަވަންސް ލިބިފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންކަމަށްވެސް ޖޮބް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.