އިންޖިނިއަރިންގ ދާއިރާއިން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ފާހަގަކޮށްލެވޭ ފަދަ ލާމަސީލު ޚިދުމަތްތައް ކުރައްވަމުން ގެންދަވާ އިންޖިނޭރުންގެގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށްދޭ "އިންޖިނިއަރުންގެ އެވޯޑު" ދިނުމުގެ ރަސްމިއްޔާތު މިމަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
"އިންޖިނިއަރުންގެ އެވޯޑު" ވެގެންދާނީ ރާއްޖޭގެ ތަރައްޤީއާއި އުމްރާނީ ބިނާވެށީގެ މައިބަދަކަމުގައިވާ އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތެރިންނަށް ޤައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމަށް އެޅޭ ތާރީޚީ އައު ފެށުމަކަށެވެ.
އިންޖިނޭރުންގެ އެވޯޑުގެ މަޤުޞަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމެވެ. އަދި ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ މި އަހަރުގެ އިންޖިނޭރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް ނިންމައި، މިކަމުގެ އުސޫލުވަނީ އާންމުކޮށްފައެވެ.
އިންޖިނިއަރ އޮފް ދަ އިޔަރ
ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
ޔަންގް އިންޖިނިއަރ އެވޯޑު
ވިމެން އިން އިންޖިނިއަރިންގ އެވޯޑު
އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު
ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ
ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު
ސަރުކާރު އިދާރާތައް / މުއައްސަސާތައް
ސަރުކާރު ހިއްސާވާ ކުންފުނިތައް
އިންޖިނިއަރިންގ މަސައްކަތްކުރާ ކުންފުނިތައް / ފާމްތައް
ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުން
މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތައް
ތަޢުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތައް
މި އެވޯޑުގެ ކެޓަގަރީތަކަށް ރާއްޖޭގައި އިންޖިނިއަރިންގ ދާއިރާއަށް ޚިދުމަތްކުރާ ވަކިވަކި ފަރުދުންނާއި، ޓީމުތަކާއި، ޖަމްޢިއްޔާތަކާއި، މުއައްސަސާތަކަށްވެސް ހުށައެޅޭނެއެވެ. އަދި ޒުވާން އިންޖިނިއަރުންގެ އެވޯޑަށް އެދި ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށެވެ.
މި އެވޯޑަށް ކުރިމަތިލާ އިންޖިނިއަރުންގެ ހުށައެޅުންތައް އިވަލުއޭޓްކުރާނީ އެކަމަށް ކަނޑައަޅާ 7 މެންބަރުންގެ ކޮމިޓީއަކުންނެވެ.
އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، މި އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދެއްވަން ފައްޓަވާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
މިފަދަ އެވޯޑެއް ތަޢާރަފުކުރުމަކީ ރާއްޖޭގެ ފަންނީ މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.