ޚަބަރު

ފަހު ވަގުތު އެވަޓަންއިން ޔުނައިޓެޑް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައިވަނީ މެޗުގެ ފަހު މިނިޓުގައި އެވަޓަންގެ މެއިޓްލޭންޑް ނައިލްސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ބްރަޔަން އެމްބެއުމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެވަޓަން އިން މި މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް އެއްވަރުކޮށްފައިވަނީ މެޗުގެ 83 ވަނަ މިނިޓުގައި ތައިރިގް ޖޯޖް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އަރިމަތިން ލީކް ޝޯ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެންޖަމިން ސެސްކޯ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ދެވަނަ ފަހަރަށް ކުރި ހޯދަދީފައެވެ.

އެވަޓަން އިން މި މެޗުގައި ޕޮއިންޓެއް ހޯދާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ފަހު މިނިޓުގައި މެއިޓްލޭންޑް ނައިލްސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވެފައިވަނީ އެއް މެޗުންނެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު އެއް މެޗުން ވަނީ ބަލިވެފައެވެ. އެވަޓަން އަށް ތިން މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ.