ޚަބަރު

އައްޑޫ ރައްޔިތުން އެދޭނަމަ ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލާނަން: ރައީސް


އައްޑޫގެ ރައްޔިތުން އެދޭނަމަ، ޝަންގްރިއްލާ ރިސޯޓް ތަރައްޤީކުރި، އައްޑޫ އިންވެސްޓްމަންޓް ކުންފުނީގައި އޮތް ސަރުކާރުގެ %30 ހިއްސާ ދޫކޮށްލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓުގެ ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އިރު، ބާކީ 70 އިންސައްތަ ހިއްސާ އޮންނަނީ ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގައެވެ. ކޯވިޑައި ގުޅިގެން ބަންދުކުރި އެރިސޯޓު ހުޅުވުމަށް ގިނަ ތާރީޚުތަކެއް ދީ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުންވެސް ވަނީ ބާރު އަޅާފައެވެ. ނަމަވެސް މިހާތަނަށްވެސް އެ ރިސޯޓް އޮޕަރޭޝަނަށް ގެނެވިފައެއް ނުވެއެވެ.

އައްޑޫސިޓީ ފޭދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އޮޕަރޭޝަން ހުއްޓިފައިވާ ޝަންގްރިއްލާ ރިސޯޓްގެ މަސައްކަތުގައި ސަރުކާރުގެ ޙިއްސާ ދޫކޮށްލާ، މިނިވަންކަމާއެކު މަންފާކުރަނިވިގޮތަށް ހިންގުން ކުރިއަށްގެންދެވޭނެ ގޮތާއި ގުޅޭގޮތުން ޚިޔާލު ހުށައަޅުއްވާފައެވެ. ޝަންގްރިއްލާގެ އޮޕަރޭޝަން ހުއްޓި، ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ޖޮންއިންޓް ވެންޗާއެއްގެ ބައިވެރިވުން އޮވެގެން ރިސޯޓް ހިންގޭނެކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އެގޮތުން އެކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ބެލިއިރު ސަރުކާރުގެ ހިއްސާ އޮތީ ނެގެޓިވްކޮށްކަމަށާއި، ސަރުކާރުން ހިއްސާ ދޫކޮށްލާނަމަ 70 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ތިބޭފުލުން ޤަބޫލުވަންޏާ ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލާ، އެކަމުގައި އިހުމާލު އޮތް ބަޔަކު ހޯދައި އެބަޔަކާ ދޭތެރޭގައި އަޅުގަނޑުމެން ޖެހޭނެ ފިޔަވަޅު އަޅަން." ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ޓޫރިޒަމާއި ބެހޭ ގާނޫނު މިހާރު އޮތްގޮތުން ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓު ޖޮއިންޓް ވެންޗާތަކުގެ ހިއްސާ ދޫކޮށްލެވޭނީ ކުއްޔަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުތަކުގެ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އަގުކޮށްފައެވެ.

284 އެނދުގެ ޝަންގްރިއްލާ ރިސޯޓު އަދިވެސް ނުހުޅުވި އޮތުމަކީ އައްޑޫގެ ގިނަ ބައެއްގެ ކަނބޮޑުވުމެކެވެ. ޚާއްސަކޮށް ސަރުކާރުގެ ހިއްސާ މި ރިސޯޓުގައި އޮތްއިރު ރިސޯޓު ހުޅުވުމަށް ގިނަ ދުވަސްތަކެއް ވުމުން، ފަތުރުވެރިކަން ރާއްޖޭގެ ކުރިއަރަމުން އަންނަ ދަނޑިވަޅުގައި އޭގެ ފައިދާ ފުރިހަމައަށް ނުނެގޭ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުންއައި ރިސޯޓެކެވެ. ނަމަވެސް އެތަން ބަނދު ކުރުމަށްފަހު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، އަލުން ރިސޯޓު ހުޅުވުމަށް އައްޑޫގެ ގިނަ ބަޔަކު ދަނީ ގޮވަމުންނެވެ. އަދި ސަރުކާރުންވެސް ދަނީ މިތަން ހުޅުވައި އަލުން ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންނެވެ.