ޚަބަރު

އިޔާދަކުރަނިވި ހަކަތައިގެ 70 މެގަވޮޓްގެ މަޝްރޫޢު އެކި މަރުޙަލާތަކުގައި


70 މެގަވޮޓްގެ، އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ އެކި މަޝްރޫޢުތައް މިވަގުތުވެސް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީން ވިދާޅުވެއްޖެއެވެ.

މިމަޝްރޫޢުތައް ނިމިގެންދާއިރު ރާއްޖޭގައި ހަކަތަ އުފެއްދުމަށް ދެމުންދާ ސަބްސިޑީއަށް ބިލިއަނުން ކުރާ ހޭދަ ކުޑަކުރެވިގެންދާނެ ކަމެއް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

2030ގެ ނިޔަލަށް ރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަކީ ހަކަތައިގެ ދާއިރާއިން ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިއަމާޒަށް ވާސިލުވުމަށް އެހީދޭ އެކި ފަރާތްތަކާއި ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ މިވަގުތުވެސް އެކިމަރުޙަލާތަކުގައި ހަކަތައިގެ ގިނަ މަޝްރޫޢުތަކެއް އެބަހުރިކަމަށެވެ. އެގޮތުން 70 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު ކުރިއަށްދާކަން އަޙްމަދު ޢަލީ ފާހަގަކުރެއްވިއެވެ.

މީގެތެރޭގައި ތ. އަތޮޅުގެ 12 ރަށެއްގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ ސޯލާ ޕެނަލްތައް މިހާރު އެރަށްރަށަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވާހަކަ ދައްކަމުންދާއިރުވެސް ބައެއް ރަށްރަށުގައި ޢަމަލީ މަސައްކަތް ކުރިއަށް އެބަދޭ. މިގޮތުން ތ.އަތޮޅުގެ 12 ރަށެއްގެ މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިގެން ކުރިއަށްއެބަދޭ. މާލޭގައި ފެނިވަޑައިގަންނަވާނެ 5 މެގަވޮޓްގެ ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އަދި ބީލަމުގެ މަރުހަލާގައި 70 މެގަވޮޓާއި ގާތްކުރާ ވަރަކަށް ޕްރޮޖެކްޓްސް އެބަހުރި." އަޙްމަދު ޢަލީ ވިދާޅުވިއެވެ.


އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ކުރެވުނު މަސައްކަތުން 2019 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 34 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ އުފައްދަންވަނީ ފަށާފައެވެ.

މިގޮތުން 2019 ވަނަ އަހަރު 8 މެގަވޮޓް، 2021 ވަނަ އަހަރު 9 މެގަވޮޓް އަދި ނިމިދިޔަ 2022 ވަނަ އަހަރު 13 މެގަވޮޓްގެ ހަކަތަވަނީ އުފައްދަން ފަށާފައެވެ. މިއާއެކު މިހާރު ރާއްޖޭގައި އުފައްދާ އިޔާދަކުރަނިވި ހަކަތައިގެ ޖުމްލަ 53 އަށް އިތުރުކުރެވިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ރާއްޖެއިން އަމާޒު ހިފާފައިވާއިރު ރާއްޖެއިން ޖައްވަށް ބޭރުކުރަނީ ގާތްގަނޑަކަށް 0.003 އިންސައްތައިގެ ވިހަ ގޭސްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް ތިމާވެއްޓަށް ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ އަދި އެންމެ ފުރަތަމަ އޭގެ ނުރައްކަލަށް ހުށައެޅޭ ޤައުމަކަށްވުމާއެކު އެކަމުން އަރައިގަތުމަށް ލީޑަރޝިޕް ދައްކައިދޭ ޤައުމަކަށް ރާއްޖެ ވާންޖެހޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނައުމަށްވެސް މިއީވެސް މުހިއްމު ކަމެއްކަމަށް ސަރުކާރުން ހާމަކުރެއެވެ.

ރާއްޖޭގައި ހަކަތަ އުފެއްދުމަށް ގާތްގަނޑަކަށް ޤައުމީ އުފެއްދުންތެރިކަމުގެ 10 އިންސައްތަ ހޭދަކުރާކުރުން ހުއްޓާލާ އެފައިސާއަކީ އެހެނިހެން ދާއިރާތަކަށް ޚަރަދު ކުރެވޭ ކަންކަމަށް ހެދުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެކެވެ.

މީގެ އިތުރުން ރާއްޖެއިން ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއެކު އަންނަ ކުއްލި ބަދަލުތަކުން އިޤްތިޞާދު ސަލާމަތްކުރުމަކީވެސް އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން މަސައްކަތްކުރާ އެއް ސަބަބެވެ.