ޚަބަރު

އުނގޫފާރުގެ މެންޓަލް ހެލްތު ޔުނިޓާއެކު ރ.އަތޮޅުގެ ސިއްޙީ ނިޒާމަށް އިތުރުކުރިއެރުން


ރ.އުނގޫފާރުގައި މެންޓަލް ހެލްތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ އެރަށު ސައުސަން ކޮންސްޓަރަކްޝަންއާއެވެ.

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތުގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ރާއްޖޭގައި އޮތް ނަފްސާނީ ބަލިމަޑުކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އުނގޫފާރުގައި ތަރައްޤީކުރެވޭ މެންޓަލް ހެލްތުގެ ޚިދުމަތް ފެށުމަށް ތަރައްޤީކުރަންޖެހޭ ޢިމާރާތް އެޅުމަށް މިހާރުވަނީ ބަޔަކާއި ޙަވާލުކޮށްފައެވެ. 4 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ ސައުސަން ކޮންސްޓަރަކްޝަންނާއެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 4 މިލިއަން ރުފިޔާއަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއަރ މާކެޓިންގ އޮފިސަރ ހަސަން ފަޒީލް ވިދާޅުވީ މެންޓަލް ހެލްތު ޔުނިޓާއެކު އެސަރަޙައްދުގައި ދެމުންދާ ނަފްސާނީ ބަލީގެ ފަރުވާ ވަރަށް ބޮޑަށް ކުރިއަރާނެއެވެ. ފަޒީލް ވިދާޅުވީ އަލަށް ޤާއިމުކުރާ ޔުނިޓުގައި ކޮންސަލްޓޭޝަން 3 ރޫމް ހުންނާނެކަމަށެވެ. އެގޮތުން ސައިކެޓްރީއާއި ސައިކޮލޮޖިކަލް ފަރުވާގެ އިތުރުން ފެމިލީ ސަޕޯޓާއި ކައުންސިލިންގއަށް ޚާއްސަ ރޫމަކާއި މީޓިންގ ރޫމަކާއި ވެއިޓިންގ އޭރިއާއަކާއި ސްޓާފް އޭރިއާއެއް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ނަފްސާނީ ގޮތުން ހާލު ބޮޑު މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދިނުމަށް ޚާއްސަ ވޯޑެއް ޤާއިމުވެފައި ހުންނާނެކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މިވޯޑަކީ 5 މީހުންގެ ޖާގައިގެ ވޯޑެކެވެ.


ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ޤާއިމުކުރާ ޔުނިޓާއެކު ނަފްސާނީ ގިނަ ބަލިތަކަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ލިބޭނެއެވެ. އަދި އެކި އެސެސްމަންޓުތަކުގެ އެހީގައި ބަލިމީހުންގެ ފަރުވާ ހަރުދަނާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ކުޑައިރު ދެނެގަތުން މުހިއްމު ހެދިބޮޑުވުމާއި ގުޅުންހުރި ނަފްސާނީ އެކި މައްސަލަތައް ދެނެގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މިޢިމާރާތުގެ މަސައްކަތް ނިމެންވާއިރަށް އެހޮސްޕިޓަލުން މިހާރު އަންނަނީ އިތުރު މުވައްޒަފުން ހޯދުމާއި ވަޞީލަތް ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އުނގޫފާރުގައި އޯޕީޑީގެ ޚިދުމަތުގެ ދަށުން މިހާރުވެސް އަންނަނީ ނަފްސާނީ ބައްޔަށް ފަރުވާ ފޯރުކޮށް ދެމުންނެވެ. އެގޮތުން މިބަލީގެ ނުރައްކާ މުޅި އަތޮޅުގައި އޮތުމާއެކު އެހޮސްޕިޓަލުން އަންނަނީ އައުޓްރީޗް ޕްރޮގްރާމްގެ ތެރެއިން ކައިރި ރަށްރަށަށް ޑޮކްޓަރު ގޮސްގެން ބަލި މީހުން ބެލޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. އަދި ނަފްސާނީ ބައްޔަކީ ބަލީގެ ޒާތުން ވަކި މުއްދަތެއްގެ ތެރޭގައި ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަކަށްވާތީ އެކަން ފަސޭހައިން ހަމަޖެއްސުމަށް އޮންލައިންކޮށް ފޮލޯއަޕް ހެދުމާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ހަމައެއާއެކު ނަފްސާނީ ބައްޔަށް ފޯރުކޮށްދޭންޖެހޭ އެކި ބޭސްތައްވެސް ލިބެން ހުންނާނެ އިންތިޒާމު ޤާއިމުކޮށްފައިވާކަން ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ނަފްސާނީ ބައްޔަކީ މިހާރު މުޅި ދުނިޔެއާއި ރާއްޖޭގައިވެސް އިތުރުވަމުން އަންނަ ނުރައްކާތެރި ބަލިމަޑުކަމެކެވެ. އެހެނިހެން ބަލިތަކަށް މީހާ ހުށައެޅެން މެދުވެރިވާ ސަބަބަކަށް މިބަލިވުމާއެކު ސަރުކާރުން އަންނަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިރުޝާދާއެކު މިބައްޔާއި ދެކޮޅަށް ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އަތޮޅުތެރޭގައި ނަފްސާނީ ބައްޔަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މީގެ ދަށުން ކުރިއަށް ގެންދާ މުހިއްމު ބައެކެވެ.