ޚަބަރު

ސިޓީގެ އޮމަރް މަރްމޯޝް ޓޮޓްނަމް އަށް, ގޮންޒަލޭޒް ނިއުކާސަލް އަށް!


  • އޮމަރް މަރްމޯޝް ބަދަލުވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން

މެންޗެސްޓަރ ސިޓީގެ އޮމަރް މަރްމޯޝް ޓޮޓްނަމް އަށް އަދި ނިކޯ ގޮންޒަލޭޒް ނިއުކާސަލް އަށް ބަދަލުވާން ތައްޔާރުވެއްޖެއެވެ. މީގެތެރެއިން އޮމަރް މަރްމޯޝް ޓޮޓްނަމްއަށް ބަދަލުވުމުގައި މިހާރު އޮތީ މެޑިކަލް ފުރިހަމަ ކުރުމެވެ. އަދި ނިއުސާލް އިން ވަނީ ގޮންޒަލޭގް ގަތުމަށް އެއްބަސވުމަކަށް އައިސްފައެވެ.

ސިޓީން މިސްރު ފޯވާޑް އޮމަރް މަރްމޯޝް ދޫކޮށްލަނީ ލޯނު އެއްބަސްވުމެއްގެ ދަށުން 60 މިލިއަން ޕައުންޑަށެވެ. އެކަމަކު ޓޮޓްނަމްއިން ސިޓީއާއެކު ސޮއިކުރަނީ ސީޒަން ނިމުމުގެ ގަތުމުގެ ފުރުޞަތު ލިބޭ އެއްބަސްވުމެއްގައެވެ. 27 އަހަރުގެ ކުޅުންތެރިޔާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސިޓީއާ ގުޅުނީ 59 މިލިއަން ޕައުންޑަށެވެ. ސިޓީގައި ހާލަންޑް ހުރުމާއެކު ކުޅުމުގެ އެކަށީގެންވާ ފުރުޞަތެއް މަރްމޯޝް އަކަށް ނުލިބެއެވެ.

ސީޒަން ފަށަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގެ ދެވަނަ ހާފްގައި މަރްމޯޝް އަށް ފުރުޞަތު ދިނެވެ. އާސެނަލް އަތުން ބަލިވި އެމެޗަށްފަހު ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ފުރުޞަތެއް ނުދެއެވެ.

ސިޓީއަށް ބަދަލުވެ މަރްމޯޝް ކުޅުނު 62 މެޗުން ޖެހުނީ 16 ގޯލެވެ. އޭގެތެރެއިން ޕްރިމިއަރ ލީގުގައި ޖެހީ 8 ގޯލެވެ. ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ އެގާރައިން ޖާގަ ދިނީވެސް އެންމެ 11 މެޗުގައެވެ. މުޅި ޖުމްލަ ލީގުގައި ކުޅުމުގެ ފުރުޞަތު ލިބުނީ 700 ވަރަކަށް މިނިޓެވެ.

މަރްމޯޝްގެ ކުރިން ސިޓީގެ ބްރެޒިލް ފޯވާޑް ސަވީނިއޯ ވެސް ވަނީ ޓޮޓްނަމްއަށް ވިއްކާލާފައެވެ. ސަވީނިއޯ އަށްވެސް ސިޓީގައި ފުރުޞަތެއް ނުލިބުނެވެ. ޓޮޓްނަމް އިން ވަނީ މި ޓްރާންސްފަރ ގައި 312 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކޮށްފައެވެ.

ސިޓީގެ ސްޕެއިން މިޑްފީލްޑަރ ނިކޯ ގޮންޒަލޭޒް ގެންދަން ނިއުކާސަލް ޔުނައިޓެޑުން އެއްބަސްވެފައިވަނީ 52 މިލިއަން ޕައުންޑަށެވެ. ކްލަބް ދޫކޮށްދާން ބޭނުންނުވެ ހުރި ގޮންޒަލޭޒްގެ ވިސްނުންވެސް ބަދަލުވެ, ކްލަބް ދޫކޮށްލަނީ ސިޓީން މޮރޮކޯ މިޑްފީލްޑަރ އައްޔޫބް ބުއާދީ އާއި އެލިއޮޓް އެޑަސަންގެ ސޮއިވެސް ސިޓީން ހޯދުމުންނެވެ. ޕޯޓޯއިން ސިޓީއަށް ބަދަލުވި 24 އަހަރުގެ ގޮންޒަލޭޒްއަށް ސިޓީގައި ހޭދަކުރެވުނީ ސީޒަނަކާއި, ސީޒަނެއްގެ ބައެކެވެ. މިސީޒަންގެ ލީގު ފަށަން ސިޓީން ކުޅުނު ފުރަތަމަ މެޗުގައިވެސް ފުރުޞަތެއް ނުދެއެވެ. ޕްރިމިއަރ ލީގުގައި ސިޓީގެ ޖަރޒީގައި ނިކޯ ގޮންޒަލޭޒް ފުރަތަމަ ކުޅުނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ގޮންޒަލޭޒް އަކީ މިސީޒަންގައި ސިޓީން ދޫކޮށްލާ 4 ވަނަ މިޑްފީލްޑަރެވެ.