ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީގެ އަންނަ އަހަރުގެ ޢަމާޒަކީ، ފައިދާވާ ކުންފުންޏަކަށް ހަދާ ކުންފުނީގެ ކެޓަގަރީ ބަދަލުކުރުންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު މިހެން ވިދާޅުވީ، ކުންފުންޏަށް 3 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 2019 ވަނަ އަހަރުގެ ޖޫންމަހުއެވެ. އަދި ކުންފުނި އެކުލަވާލާ ކުންފުނީގެ މަސައްކަތް ރަނގަޅަށް ހިނގައިގަންނަށް ފެށީ 2020ވަނަ އަހަރުއެވެ.
ކުންފުންޏާ އެންމެ ފުރަތަމަ ހަވާލުކުރި ސަރުކާރުގެ ބޮޑު މަޝްރޫޢުއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުއެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސްފަހުން ކުރިމަތިވީ، ކޯވިޑްގެ އާލަމީ ވަބާއެވެ. މިއާއެކު ޅަފަތުގައިވާ އާރްޑީސީ ހިނގައިގަތުމަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވިއެވެ.
އާރްޑީސީގެ 3 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވަނީ، ކޮވިޑްގެ ދަތިކަމާއެކުވެސް ކުންފުނި މިހާރު އޮތީ ވަރަށް ރަނގަޅު ޙާލަތަކަށް ގެނެވިފައިކަން ފާހަގަކުރައްވާފައެވެ. މޫސާ އަލީ މަނިކު ވިދާޅުވީ ކުންފުނި އުފެދުނުއިރު، މުވައްޒަފުން އަދި ވަސީލަތްތަކުގެ ދަތިކަން އިންތިހާއަށް އޮތްކަމަށެވެ.
ނަމަވެސް އެއަށްފަހު ދިމާވި ކޮވިޑްގެ ޙާލަތާއެކުވެސް، ކުންފުނީގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، މުސާރައިގެ ދަތިކަމެއް ނެތި ކުންފުނި ހިންގިކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ހިމެނޭހެން އާރްޑީސީން މިއަދު އަންނަނީ 26 ރަށެއްގައި، އެކުއެކީގައި މަޝްރޫޢުތައް ހިންގަމުނެނެވެ. ސަބްބޭސްގެ މަސައްކަތް ހިމެނޭހެން 9 މަޝްރޫޢުއެއް ކުންފުނިން ވަނީ ނިންމާފައެވެ.
މަގުހެދުމުގެ ބޮޑެތި މަޝްރޫޢުތައް ކުންފުނިން ހިންގަމުން އަންނައިރު، މީގެތެރެއިން ބައެއް ރަށްރަށް މިހާރު އޮތީ ތާރު ފަށަލަ އަޅާ ހިސާބަށް މަސައްކަތް ގޮސްފައެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ މަގުހެދުމުގެ މަސައްކަތެއް ފަށައި ނިންމުމާއި ހަމައަށް ބޭނުންވާ ހުރިހާ ވަސީލަތްތައް އެއްވެސް ދަތިކަމެއް ނެތި މިހާރު ކުންފުނީގައި އެބަހުރިކަމަށެވެ. މިއީ 3 އަހަރުގެ ތެރޭގައި ހޯދުނު ބޮޑު ކާމިޔާބިއެއްކަމަށާއި މިއީ އަދި ފެށުންކަމަށާއި، ކުންފުނިން އަންނަ އަހަރަށް ބޮޑެތި އާމާޒުތަކެއް ކަނޑައަޅާފައިވާކަމަށް މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
"އަންނަ އަހަރުގެ ބޮޑު ޢަމާޒަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ ކެޓަގަރީ މަތިކުރުން. އަދި ކުންފުނިން މިވަނީ ނިންމާފައި މުވައްޒަފުންނަށް އަހަރީ ބޯނަސް ދޭން. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ކުންފުނީގެ މުވައްޒަފުންނަށް އާމާޒުކޮށް މަޝްރޫޢުއެއް ހިންގުމަކީވެސް ޢަމާޒެއް." މޫސާ އަލީ މަނިކު ވިދާޅުވިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި 1300 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުންފުނީގެ މުވައްޒަފުން %100 ދިވަހިންނަށް ހެދުމަކީ އެ ކުންފުނީގެ ޢަމާޒެވެ. އާރްޑީސީން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގައި އެ ރަށްރަށުން މުވައްޒަފުން ނެގުމަށް އިސްކަންދެއެވެ. މީގެތެރޭގައި ކޮންޝްރަކްޝަނާއި ގުޅުންހުރި ދާއިރާއަށް އަންހެނުން ނެރުންވެސް ހިމެނެއެވެ.
"އާރްޑީސީން މަޝްރޫޢު ކުރިއަށްގެންދާ ރަށްރަށުގައި، މަހެއްގެ މައްޗަށް 7މިލިއަނެއްހާ ރުފިޔާ އެބަ ދަޢުރުކުރެވޭ. މިއީ އެ ރަށްރަށުން މުވައްޒަފުން ނަގާ، ރަށުގެ އިޤްތިޞާދުގެ ތެރޭގައި އެނބުރޭނެ ފައިސާ. ރަށަށް އެކިގޮތްގޮތުން ފައިދާ ވާނެ." މޫސާ އަލީ މަނިކު ވިދާޅުވިއެވެ.
ސީއެސްއާރުގެ ދަށުން އާރުޑީސީ އިން ހިންގަމުން އަންނަ ޢިޖުތިމާޢީ މަސައްކަތްތަކުގެ ދަށުން ބްލައިންޑް އެސޯސިއޭޝަނަށް ދެވޭ ރަމްޒީ ހަދިޔާ ހަވާލުކުރުމުގެ ތެރެއިން. pic.twitter.com/MxanO9Drnj
— Road Development Corporation Ltd (@rdcmaldives) December 24, 2022
އަހަރީ ދުވަހުގެ ޖަލްސާގައި އާރްޑީސީން ވަނީ، އިމާރާތްކުރުމުގެ ދާއިރާއަށް ދިވެހިން ތަމްރީންކޮށް ނެރުމަށް "ބިނާވެހި"ގެ ނަމުގައި ޕްރޮގްރާމެއްވެސް އިފްތިތާޙުކޮށްފައެވެ. އަދި ކުންފުނީގެ އިޖްތިމަޢީ ޒިންމާގެ ދަށުން ބްލައިންޑް އެސޯޝިއޭޝަނަށް ބޭނުންވާ މުހިންމު ވަސީލަތެއްކަމަށްވާ 100 "ވޯކިންގ ކޭން" ހަދިޔާކޮށްފައިވެއެވެ. މިއީ ފެނުމުން މަހުރޫމުވެފައިވާ މީހުން، ހިނގާބިނގާވެ އުޅުމުގައި ބޭނުންކުރާ، ޓެކްނޮލޮޖީއާއި ރައްޓެހި ވަސީލަތެކެވެ.