ބޭރުގެ ޤައުމުތަކުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ނިމުމުން، އެފަދަ ޤައުމުތަކާއެކު ގުޅުން ކަނޑާލުމަކީ މި ސަރުކާރުގެ ސިޔާސަތު ނޫންކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މޮނިއުމަންޓް، އުސްފަސްގަނޑު ސަރަޙައްދުގައި އަލުން ބެހެއްޓުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ ބައިނަލްއަޤްވާމީ މައިދާނުގައި، ދިވެހިރާއްޖެއާއި ޤައުމުތަކާއެކު އޮތް ގުޅުން ރަނގަޅުކުރައްވަން މަސައްކަތްކުރާ ސަރުކާރެއްކަމަށެވެ. އަދި ގިނަ ޤައިމުތަކަކާއެކު މުޅިން އަލަށް ސިޔާސީ ގުޅުންތައް ޤާއިމުކުރި ސަރުކާރެއްކަމަށެވެ.
ޚާއްސަކޮށް ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ދެމުންދާ ޤައުމުތަކުން ކުރާ މަސައްކަތް ބަލައިގަންނަ އިޚުތިރާމްކުރަން ދަންނަ ސަރުކާރެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުގައި ވަކި ޤައުމެއް ތަފާތު ނުކުރާނެކަމަށް މިިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރ ވިދާޅުވީ، ރާއްޖެ މިއަދު މިފެންނަ ގޮތުގައި އޮތުމުގައި ބޭރުގެ އެހީތަށް ވަރަށް ބޮޑު ދަޢުރެއް އަދާކުރާކަމަށެވެ. އަދި މިއިން ކޮންމެ ކަމަކީ ސަރުކާރަށާއި ރައްޔިތުންނަށް އެތަށް ގޮތަކުން ފައިދާތައް ލިބުނު މަސައްކަތްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ޤައުމުތަކާމެދު އިޚުތިރާމު ކުޑަކޮށް، ގުޅުން ކެނޑުމަކީ މި ސަރުކާރުން ކަންތައްކުރާނެ ގޮތް ނޫންކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
"މަސައްކަތް ނިމުނީމައި ނަގާ އެއްލާލާ، ނޫނީ މަގުގެ އަރިމަތީގައި ބެހެއްޓުމުގެ ސިޔާސަތަކީ ރައީސްގެ ސިޔާސަތެއް ނޫން. ބަޔަކު މަސައްކަތް ކުރި، ޖަޕާނާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ މި ގައު ނަގާ، ޖަޕާނާ ރާއްޖޭގެ ގުޅުމަކީ އެއްވެސް އެއްޗެއް ނޫންކަމަށް ދައްކަން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މި ސަރުކާރުގައި، ޖަޕާނާއި ރާއްޖެއާއި ގުޅުން ރަމްޒުކޮށްދޭ މޮނިއުމަންޓް އަލުން ބެހެއްޓުމަކީ، މި ގުޅުމުގެ މުހިންމުކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދޭނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޖަޕާނާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުއެވެ. ދެ ޤައުމުގެ ގުޅުމަށް 55 އަހަރު ވަނީ ފުރިފައެވެ.