ޚަބަރު

ބެކްސްޓްރީޓް ބޯއީޒްގެ ނިކް އަށް ޖިންސީ ގޯނާގެ ތުހުމަތު


އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް "ބެކްސްޓްރީޓް ބޯއިސް" ގެ މެމްބަރު ނިކް ކާޓާގެ މައްޗަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށްފިއެވެ.

އުމުރުން 42 އަހަރުގެ ނިކްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރީ ޝެނަން ރޫތު ކިޔާ 39 އަހަރުގެ އަންހެނެކެވެ. ޝެނަން މިދިޔަ ބުރާސްފަތި ދުވަހު ލަސް ވެގަސްގެ ކޯޓަށް ވެސް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އޭނަގެ އުމުރުން 17 އަހަރުގައި ނިކް 2001 ވަނަ އަހަރު އޭނަ ރޭޕްކޮށްފައިވާ ކަމަށެވެ.

އެގޮތުން ވޮޝިންޓަންގައި އޮތް ކޮންސަޓެއްގެ ތެރެއިން އޮޓޯގްރާފު ހޯދަން ކިއޫގައި އުޅެނިކޮށް ނިކްގެ ލޮލުގައި އޭނަ އަޅައިގަނެ، ބުއިމަކަށް ދައުވަތު ދިނުމަށް ފަހު ގެންގޮސް، ރޭޕްކޮށްފައިވާ ކަމަށް ބުންޏެވެ.

ނިކް މައްޗަށް ކުރި މި ތުހުމަތާއި ގުޅިގެން މި މަހުގެ 14 ގައި އޭބީސީ ނެޓްވޯކުން ގެނެސްދޭން އޮތް ކްރިމަސް ޝޯވގައި ހިމަނާފައި އޮތް "ބެކްސްޓްރީޓް ބޯއިސް" ގެ ޚާއްސަ ޕްރޮގްރާމް ވެސް ތާވަލުން ނަގައި އެ ނުގެނެސްދޭން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ނިކްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އޭނަގެ މައްޗަށް ކުރީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެކަމާ ދެކޮޅަށް މީހަކު ނުކުމެ ވާހަކަ ދައްކާނީ މިއަދު ނޫން ކަމަށް ބުންޏެވެ. އެހެންވެ 20 އަހަރު ކުރިން ޝެނަން ރޭޕްކުރި ކަމަށް ބުނެ ކުރި ތުހުމަތުގައި އެއްވެސް އަސާސެއް ނެތް ކަމަށް ބުންޏެވެ.

3 ކުދިންގެ ބައްޕަ، ނިކް ބުނީ އޭނަގެ މައްޗަށް ކުރާ ތުހުމަތުގައި ޙަޤީޤަތެއް ނެތްކަން ސާބިތުކޮށް ދެވޭނެ ކަމަށެވެ. އަދި މިކަމަކީ ޝެނަން އާއި އޭނާގެ ޤާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ބަޔަކު ފައިސާގަނޑެއް ހޯދުމުގެ ބޭނުމުގައި އެޅުވި ތުހުތަމެއް ކަމަށް ބުންޏެވެ.

ނިކް އަކީ މިދިޔަ މަހުގެ 5 ގައި މަރުވި އާރޮން ކާޓާގެ ބޭބެއެވެ. ދިވެހިންގެ ތެރޭގައި އާރޮން އަށް ސަމާލުކަން ލިބުނީ ރާއްޖޭގެ އާޓިސްޓެއް ކަމަށްވާ އަލީ ޝިމްހާގްގެ ޑިޖިޓަލް ކުރުހުމެއް އޭނާ "ވަގަށް ނައިގެން" ބޭނުންކުރި މައްސަލާއާ ގުޅިގެންނެވެ. އެ މައްސަލާގައި އާރޮންގެ މައްޗަށް ޝިހްމާ ކުރި ދައުވާ ވެސް ކާމިޔާވުބެ، ލިބުނު ގެއްލުމަށް އާރޮންގެ އަތުން ބަދަލު ވެސް ނަގައި ދީފައިވެއެވެ.