ކާރިސާއާއި ކުއްލި ހާލަތްތަކުގައި އިޖާބަ ދިނުމުގައި އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ތުރުކީވިލާތުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ ތުރުކީގެ ޑިޒާސްޓަރ އެންޑް އެމެޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީ(އާފާޑް) އަދި ރާއްޖޭގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ދެމެދުއެވެ.
މި އެއްބަސްވުމުގައި ތުރުކީގެ އާފާޑްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ޔޫނުސް ސެޒަރއެވެ. ރާއްޖޭގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިން ހިސާން ހަސަންއެވެ.
މި އެމްއޯޔޫގެ ދަށުން މައިގަނޑު 4 ދާއިރާއަކުން ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.
An MOU has been signed today between NDMA & @AFADTurkiye (Disaster and Emergency Management Authority of Turkiye) aimed at strengthening and enhancing cooperation and joint working between both countries in the field of emergency & disaster management. pic.twitter.com/J0YOV7JWMN
— NDMA Maldives (@NDMAmv) December 6, 2022
މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ، ކާރިސާއާއި ކުއްލި ހާލަތްތަކަށް ހުށައެޅޭ ހިރާސްތައް ދެނެގަނެ އެކަންކަން ކުޑަކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ޤައުމުތަކުން މަޝްވަރާކުރުމަށް، ތުރުކީގެ އިސްތަންބޫލްގައި ކުރިއަށްދާ ހައިލެވެލް ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. އަދި ކުރިއާލާ އެފަދަ ހާލަތްތަކަށް ތައްޔާރުވުމާއި، އަދި ޙާދިސާއެއް ކުރިމަތިވުމުގެ ކުރިން އެފަދަ ކަންކަން މޮނިޓަރކުރެވޭނެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މަޝްވަރާކުރާނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ޙާދިސާއެއް ހިނގުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ޑޭޓާ އެއްކުރުމާއި ގުޅޭގޮތުންވެސް މަޢުލޫމާތު ޙިއްސާކުރާނެއެވެ.
ރާއްޖެއަކީ އެހެން ޤައުމުތަކާއި އަޅާކިޔާއިރު، ކާރިސާތައް މަދު ޤައުމެއް ނަމަވެސް ފަހަކަށް އައިސް މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އުދައެރުމާއި، ވިއްސާރަވެ ފެންބޮޑުވުންފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އަދި އަލިފާނުގެ ކާރިސާތައްވެސް އަންނަނީ ހިންގަމުންނެވެ.