ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރަމުންދަނިކޮށް ވިލިމާލޭ ފަރަށް ޕްލެޓްފޯމެއް އެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ބަދަލުހޯދުމަށް އެފްކޮންސް އިންފްރާސްޓްރަކްޗާ ޖޫރިމަނާކުރުމަށް ނިންމައިފިއެވެ.
މިދިޔަ އޯގަސްޓްމަހު ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ އެ ސަރަޙައްދުގައި ޕްލެޓްފޯމް އެޅުމުގެ ތެރޭގައެވެ. ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ.
ފަރަށް ލިބުނު ގެއްލުންތައް ބެލިއިރު ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެފްކޮންސް އިންފްރާސްޓްރަކްޗާ 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެފްކޮންސްއިން އަދި ކަމާއިބެހޭ އެއްވެސް އިދާރާއަކުންވެސް މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ޖަވާބެއް ނުދެއެވެ.
ރާއްޖޭގެ ފަރުތަކަކީ ރާއްޖެއަށް އެންމެ މުހިއްމު ރައުސުލްމާލްއަށް ވާއިރު ކޮންމެ ފަރަކަށްވެސް ލިބޭ ގެއްލުމުގެ ބަދަލުހޯދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިގޮތުން މީގެ ކުރިންވެސް ހިމާޔަތްކޮށްފައިވާ ފަރުތަކަށް ބޯޓުފަހަރުތައް އެރުމާއި ބައެއް މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ތެރޭގައި ފަރަށް ގެއްލުންލިބެއްޖެނަމަ ފަރަކަށް ލިބިފައިވާ ގެއްލުންތައް ބެލުމަށްފަހު ބަދަލުހޯދުމަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި އެބަހުއްޓެވެ.
ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން ކަނޑުގައި ޖަހާ ތަނބުތައް ޖެހުމަށް ޓެސްޓް ޕައިލްގެ ކޮންގްރީޓްގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
މާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅު ގުޅައިލަދޭ ކަނެކްޓިވީ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު ފެށިނަަމަވެސް މޫސުން ގޯސްވުމާއެކު ގިނަ ދަތިތަކެއް ވަނީ މަސައްކަތް ކުރިއަށްގެންދިޔުމުގައި ކުރިމަތިވެފައެވެ.