ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަޞްރުން ކާމިޔާބު ދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ނަސްރުގެ ދުވަހުން ލިބޭ އަނެއް ޢިބުރަތަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ ޤާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ޤައުމު ބޭނުންވާ ކަމަށެވެ. އަދި، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލަޔާއެކު ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލިއެވެ. އަޅުގަނޑުމެންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ. ކުށެއް ނެތް ދިވެހި އަޚުންތަކެއް ޝަހީދުވުމުން، އަޅުގަނޑުމެންގެ ހިތްތައް ޒަޚަމްވެ ކުދިކުދިވެގެން ދިޔައެވެ. ނަމަވެސް، މާތް ﷲގެ ނަޞްރާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަޤީންކަން ފަނޑުވެގެންނެއް ނުދެއެވެ. އެ ދުވަހު ދިވެހިންނަށް އެކަލާނގެ ދެއްވި މަތިވެރި ނަޞްރުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަޞްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެގޮތުގައި ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުމެވެ. ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫޙު މުޅި ޢަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުންވެސް މަސައްކަތް ކުރުމެވެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ދިފާޢުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިންކަމަށާއި، މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަޞްލަކީ، ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާކަމަށް ވިދާޅުވިއެވެ. އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި މި ވަޠަނާ މެދު އޮތް ޤައުމީ ލޯބިކަމަށް ސިފަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިންގެ ހަކަތައަކީ، ދިވެހި ޢަސްކަރިއްޔާއާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަޤީންކަންކަމަށްވެސް ވިދާޅުވެފައެވެ. އަދި ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ، ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މަތިވެރި ސިފަތަކަކީ، މި ޤައުމުގެ ދިފާޢުގައި އެންމެ އިހުއްސުރެ ޖިހާދުކުރެއްވި ޤައުމީ ބަޠަލުންގެ ފުށުން ވާރުތަވެފައިވާ، ދިވެހި ޤައުމިއްޔަތުގެ ކީރިތިކަމާއި މޫރިތިކަމުގެ ރަމްޒުތަކެވެ. ޢަލީ ރަސްގެފާނުގެ މަތިވެރި ޤުރުބާނީ އާއި ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދާއި، ދޮން ބަންޑާރައިންގެ ޖިހާދުންވެސް އަޅުގަނޑުމެންނަށް ފެންނަން ހުރީ މި ސިފަތަކެވެ. 3 ނޮވެންބަރު 1988ގެ ޢުދުވާނީ ޙަމަލާއިން މި ޤައުމުގެ ދިފާޢުކޮށްދިން އެންމެ އިސް ބަޠަލުކަމަށް ދިވެހި އުންމަތް ހެކިވާ، ހދ. ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމްގެ ހިތްވަރާއި މަތިވެރި ޤުރުބާނީ ރަމްޒުކޮށްދެނީވެސް ހަމަ މި ސިފަތަކެވެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައިވަނީ، ޤައުމުގެ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ދިފާޢުގައި ޤުރުބާންވި އެތައް ދިވެހިންނެއްގެ ހަނދާންތައް އައުކުރާ މިފަދަ ކޮންމެ މުނާސަބަތެއްގައި، ހަނދާނުގައި ބަހައްޓަންވީ މި ޤައުމަށްޓަކައި އަދާކުރަން ޖެހިފައިވާ ޤައުމީ ވާޖިބުކަމަށް ވިދާޅުވެފައެވެ. އެއީ ހަމަ ކޮންމެ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތާއި ޤައުމުގެ ޞުލްޙަ މަސަލަސްކަން އިސްކުރުމަށް މަސައްކަތް ކުރުމާއި، ހަމަޖެހުމާއި އަމާންކަމަށް އިސްކަން ދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ކަންކަމަށް އިސްކަން ދިނުމުގެ ސިފަތައް އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި އަށަގެންނެވުމަށްޓަކައި، އެ ދަރިންގެ ހިތްތަކުގައި ޤައުމާ މެދު ލޯތްބާއި ކުލުނު އުފައްދަން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، މާލެއަށް ދެވުނު ޢުދުވާނީ ޙަމަލާއަށް 34 އަހަރު ފުރުނު ދުވަހެވެ. އެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.