ސިޔާސީ ދާއިރާއަށް ނިކުމެ، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރަން ތައްޔާރަށް ހުރި ކަމަށް ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު ބުނެފިއެވެ.
ކަންގަނާ ބުނިގޮތުގައި އިންޑިއާގެ މިހާރު ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އިން އެދިއްޖެނަމަ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރަން ތައްޔާރެވެ.
ކުރިންވެސް ސިޔާސީ ދާއިރާއިން ފެނިދާނެކަމުގެ އިޝާރާތްތަކެއް ދީފައިވާ އަދި ބޮޑުވަޒީރު ނަރެންދުރަ މީދޯ އަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ 35 އަހަރުގެ ބަތަލާ ސީޔާސީ ދާއިރާއަށް ނުކުންނަން ތައްޔާރަށް ހުރި ކަމަށް ބުނެފައި މި ވަނީ އޭނަގެ އުފަން ސްޓޭޓް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި "އާޖް ތަކް" އިން ބޭއްވި ޕްރޮގްރާމެއްގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ. ކަންގަނާއަކީ އިންޑިއާގައި ހިނގާ ހުރިހާ ކަމަކާއި ގުޅިގެންވެސް އަބަދުވެސް ވަރަށް ބޮޑަށް ވާހަކަ ދައްކާ ބަތަލާއެކެވެ.
ކަންގަނާ ވަނީ ބީޖޭޕީއަށް ތާއީދުކޮށް އިންޑިއާގައި ހިންގާ އާމް އާދްމީ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ. އެގޮތުން ހިމާޗަލްގެ ރައްޔިތުންނަކީ އަމިއްލައަށް ފުދިގެން އުޅޭ މުއްސަނދި ބައެއް އުޅޭ ތަނެއް ކަމަށާއި ބީޖޭޕީ ނޫން ބަޔަކަށް ހިމާޗަލްގެ ރައްޔިތުންގެ ތާއީދެއް ވެސް ނޯންނާނެ ކަމަށް ކަންގަނާ ބުންޏެވެ. އެހެންވެ އާމް އާދުމީ ޕާޓީ ކަހަލަ ޕާޓީތަކުގެ ދެއުޅިއެއް ނުވާ ސިޔާސުތުތަކެއް ހިމާޗަލް ޕްރަދޭޝްގެ ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށާއި އަދި އެފަދަ ޕާޓީތަކުން ދައްކާ ވާހަކަތަކަކަށް ނުވެސް ހެއްލޭނެ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.
ކަންގަނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، މިހާރު އެންމެ އަވަދިނެތި އުޅެނީ "އިމާޖެންސީ"ގެ މަސައްކަތުގައެވެ. މި ފިލްމުގެ ކާސްޓުގައި އަނޫޕަމް ކޭރު، ސަތީޝް ކޯޝިކް، ޝްރެޔާޝް ޓަލްޕަޅޭ އަދި މިލިންދު ސޯމަން ހިމެނެއެވެ. ކުރިއަށް އޮތް މި ފިލްމުގައި ކަންގަނާ ފެންނާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ. އަދި އެއީ ކަންގަނާގެ ދެވަނަ ޑައިރެކްޓަރީ ޕްރޮޖެކްޓަކަށް ވެސް ވެގެންދާނެއެވެ.
4 ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މެއި މަހު ރިލީޒްކުރި "ދާކަޅް" އެވެ. ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް އޭނަގެ ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅަށް ތާވަލުކޮށްފައިވާ ވަތަނީ ފިލްމު "ތޭޖާސް" އެވެ.