ޚަބަރު

ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް ފަށައިފި


ދިވެހިރާއްޖޭގެ ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް ބޭރުގެ އެހީ ފޯރުކޮށްދޭ ފަރާތްތައް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ، ހަކަތައިގެ ދާއިރާއިން 2030ގެ ކުރިން ހާސިލްކުރުމަށް ބޭނުންވާ ކަންކަން ކުރުމަށް، އެކުގައި ގުޅިގެން މަސައްކަތް ކުރުމެވެ.

ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ އެއް ދުވަހުގެ މި ބައްދަލުވުމުގައި ހަކައިގެ ދާއިރާއާއި ގުޅުންހުރި 70 ސްޓޭކްހޯލްޑަރުން ބައިވެރިވެފައިވެއެވެ. ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ނަސީމްއެވެ.

ސްޓޭޓް މިނިސްޓަރ ޚާދީޖާ ނަސީމް ވިދާޅުވީ ރާއްޖޭގައި ހަކަތައިގެ ޚިދުމަތް ފެށިތާ 70 އަހަރުވެފައިވާއިރު، މިހާތަނަށްވެސް ހަކަތައިގެ ދާއިރާއިން މުހިންމު ކުރިއެރުންތައް ހޯދަމުން އައިސްފައިވާކަމަށެވެ. ރާއްޖޭގައި ފަތުވެރިކަން ފުޅާވަމުން އައުމަކީ، ކަރަންޓުގެ ޚިދުމަތް ތިމާވެއްޓާ ރައްޓެހިކޮށް ތަރައްޤީކުރަންޖެހޭ މުހިންމު ސަބަބެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި، ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުވަނީ ދެ ގުނަ އިތުރުވެފައެވެ. 2018އާއި ހަމައަށް މި އަދަދު ހުރީ 16.5ގައެވެ. އަވިން ހަކަތަ އުފައްދާ މިންވަރު މިހާރު މިވަނީ 36.5 މެގަވޮޓަށް އިތުރުކޮށްފައެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކަރަންޓުގެ ޚިދުމަތަކީ ސަރުކާރުން އެންމެ ބޮޑު ހޭދައެއްކުރާ ޚިދުމަތްކަމަށެވެ. އެގޮތުން ދަޢުލަތުގެ އާމްދަނީއިން ބޮލަކަށްޖެހޭ މިންވަރުގެ %10 ހޭދަކުރަކީ ކަރަންޓު އުފެއްދުމަށް ތެޔޮ ގަތުމަށްކަމަށާއި، އެއީ އަހަރަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާކަމަށް ޚަދީޖާ ވިދާޅުވިއެވެ.

2030ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ މުޅި ދާއިރާ އެކުގައި މަސައްކަތްކޮށްގެންކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މި މަސައްކަތުގައި އިންޓަނޭޝަނަލް ޑޯނާޒްގެ ދަޢުރު ވަރަށް ބޮޑު. މި މަސައްކަތުކު ބައްދަލުވުމުގައި މަޝްވަރާކުރާނެ ސަރުކާރުގެ ޢަމާޒަށް ވާސިލްވެވޭނެ ގޮތްތަކާއި، ކަރަންޓަށް ކުރާ ހޭދަ ކުޑަރުމާއި، އަދި އެކަމަށް ބޭނުންވާ އެކަށީގެން ވަސީލަތްތައް ފުރިހަމަ ކުރެވޭނެ ގޮތްތަކަށް. އަދި ހުރި ގޮންޖެހުންތަކާ ޙައްލު ހޯދޭނެ ގޮތްތަކަށް." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި މަގުޗާޓުގައި ރާއްޖޭގައި ހަކަތަ އުފެއްދުމަށް ބޭނުންކުރެވިދާނެ ތަފާތު އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ މަޢުލޫމާތާއި، ހަތަކަ އިސްރާފުކުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި މިކަންކަން ކުރުމަށް ފައިސާ ބޭނުންވާނެ މިންވަރާއި އޭގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އަންނާނެ ހެޔޮ ބަދަލުގެ ތަފްސީލު ހިމެނިފައިވެއެވެ.

މަސައްކަތު ބައްދަލުވުން ކުރިއަށްގެންދިޔައީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އަދި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައި.އެސް.އޭ) ގެ ފަންނީ އެހީތެރިކަމާއެކުއެވެ.